ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލް ޑރ. މުޙައްމަދު ޖަމީލް އަހްމަދު ޕީޕީއެމުން ވަކިވެވަޑައިގެންފި އެވެ.

މިކަން ޕީޕީއެމް ހިންގަން، ރައީސް ޔާމީން ނެގެންގެވި ސްޓިއަރިން ކޮމެޓީގައި އިސްކޮށް އުޅުއްވާ، އައްބާސް އާދިލް ރިޒާ ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ޑރ ޖަމީލް ޕީޕީއެމުން ވަކިވެ ވަޑައިގެންނެވީ، ރައީސް ޔާމީންވެސް ޕީޕީއެމުން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންދާ ދަނޑިވަޅެއްގައެވެ. ހަމަމިއާއެކު ޕީޕީއެމްގެ މައި އޮފީސް ހިންގަމުން އައި، ހ. ހުރަފާ ގްރައުންޑް ފްލޯ އާއި އެ ގޭގެ އެއްވަނަ ފަންގިފިލާ ހުސްކުރުމަށް އެގޭގެ ވެރިން ވަނީ އަންގާފަ އެވެ.

ޖަމީލް ވިދާޅުވެފައި ވަނީ ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގަތުމަށް ނިންމަވާފައިވަނީ އެމަނިކުފާނުގެ މަޝްވަރާ ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ނުނަންގަވާތީ އާއި ވެރިކަމަށް އާދެވުނު ހިސާބުން، ރައީސް، މުއިއްޒު އެމަނިކުފާނު ގުޅުއްވުމުން ފޯނު ވެސް ނުނަންގަވާތީ ކަމަށެވެ.

ޑރ ޖަމީލަކީ މިއަދު ރައީސް ޔާމީނާ ވަރަށް ގާތުގައި އުޅުއްވިނަމަވެސް މީގެ ކުރިން ރައީސް ޔާމީނާ ދެކޮޅަށް ސޯޝަލްމީޑިޔާ ގައި އެކިކަހަލަ ޕޯސްޓުތައް ކުރެއްވި ބޭފުޅެކެވެ. ހާއްސަކޮށް އެންމެ ފާހަގަކޮށްލެވުނު އެއްކަމަކީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުން ރައީސް ޔާމީން ނާކާމިޔާބު ވެވަޑއިގެންނެވުމުން، ހަމްދު ކުރައްވާ ކަމަށް ޑރ ޖަމީލު ކުރެއްވި އެކްސްޕޯސްޓުތަކެވެ.