އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކުރިއަށް އޮތް ރޯދަމަހަށް ފަހު ބާއްވަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.
މަޖިލިސް އިންތިހާބުގެ ތާރީހަށް ބަދަލު ގެނައުމަށް, އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ މިދިޔަ ހަފްތާގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ހުށަހެޅުންތަކެއް ހުށަހަޅާފަ އެވެ. އީސީން ހުށަހެޅީ, މަޖިލިސް އިންތިހާބު ރޯދައިގެ ކުރިން ބޭއްވޭނެ ދެ ގޮތެކެވެ. އެއީ
- ގާނޫނުގައި ބުނާ 120 ދުވަހުގެ މުއްދަތު 140 އަށް އިތުރު ކޮށްދިނުން
- ގާނޫނުގައި ބުނާ އިންތިހާބު ބޭއްވުމާ ދޭތެރޭގައި ދޭން ޖެހޭ 30 ދުވަސް 20 ދުވަހަށް ކުރު ކުރުން
މި މައްސަލައިގެ ގޮތެއް ނިންމުމަށް މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން އިއްތިފާގުވީ، ރޯދަމަހުގެ ކުރިން އިންތިހާބު ބޭއްވުމުގެ ބަދަލުގައި ރޯދަމަހަށް ފަހު އިންތިހާބު ބޭއްވުމަށެވެ.
މިހާރު ކުރިއަށް ދާ، 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު ހަމަވާނީ އަންނަ މެއި މަހުގެ 28 ގައެވެ. ގާނޫނު ބުނާ ގޮތުގައި، ހިނގަމުން މިދާ ދައުރު ނިމެން 120 ދުވަހަށް ވުމާއެކު، 10 ދުވަހުގެ ތެރޭގައި އިންތިހާބަށް ހުޅުވާލަން ޖެހެ އެވެ. އިންތިހާބަށް ކުރިމަތިލާން 14 ދުވަހުގެ މުއްދަތެއް ދޭން ޖެހެ އެވެ. އަދި، އިންތިހާބަށް ކުރިމަތިލާ މީހުން އިއުލާނުކުރާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކޮމިޓީގައި ފާހަގަކުރެއްވި ގޮތުގައި މުއްދަތުން ފެށިގެން އިންތިހާބާ ދޭތެރޭ 30 ދުވަހުގެ މުއްދަތެއް ދޭން ޖެހޭ ކަމަށް ގާނޫނުގައި ބުނެފައިވާތީ 30 ދުވަސް ދިނުމުން އިންތިހާބު އެންމެ އަވަހަށް ވެސް ބޭއްވޭނެ ތާރީހަކީ މާޗް 18، 2024 ގަ އެވެ. އެއީ ރޯދަމަހުގެ ނުވަ ވަނަ ދުވަހެވެ.
އެހެން ނަމަވެސް އޯލެވެލް އަށް ތައްޔާރުވުމުގެ ގޮތުން ސްކޫލުތަކުގެ މޮކް ޓެސްޓުތައް މާޗް 17، އިން 28 އަށް ބާއްވަން ނިންމާފައިވާތީ އެ ދުވަސްވަރު ވޯޓު ލާނެ މަރުކަޒުތައް ހަމަނުޖެއްސޭނެ ކަމަށް ހަބީބު ވިދާޅުވި އެވެ.
އެހެންކަމުން، ދެން އިންތިހާބު ބޭއްވޭނެ އެންމެ ފަހު ތާރީހެއް ކަމަށް އޭނާ ވިދާޅުވީ އަންނައަހަރުގެ މާޗް މަހުގެ 30ވަނަ ދުވަހެވެ. އެއީ ރޯދަމަހުގެ 20 ވަނަ ދުވަހެވެ. ދެވަނަ ބުރެއް ބާއްވަންޖެހިއްޖެ ނަމަ އެބުރުގެ ވޯޓުލުން ބޭއްވޭނީ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ކަމަށް ވަނީ ނިންމާފައެވެ. އޭރުން ރަސްމީ ނަތީޖާ އިއުލާނު ކުރެވޭނީ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުގައި ކަމަށްވެސް ހަބީބު ވަނީ ވިދާޅުވެފައެވެ.
އޭރުން އިންތިހާބު ބާއްވައި ނިމޭނީ ގާނޫނުގައި ބުނާ 30 ދުވަސް ހަމަވުމުގެ އެއް ދުވަސް ކުރިންނެވެ.