ކުރީ ސަރުކާރުން މަސްވެރިންނަށް ނުދީހުރި 30 މިލިޔަން ރުފިޔާ ދީފި ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމް ގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ކުރީގެ ސަރުކާރުން މަސްވެރިންގެ އަތުން މަސްކިރުވާފަ ފައިސާ ނުދީ ގިނަ ދުވަސްވެފައިވާކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ، އެފައިސާގެ ތެރެއިން 30 މިލިޔަން ރުފިޔާ މި ސަރުކާރުގެ ފުރަތަމަ ހަފްތާތެރޭ މަސްވެރިންނަށް ވަނީ ދީފައިކަމަށެވެ.

މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ދެމަހަށް ވުރެ ގިނަ ދުވަސް ވެފައިވާކަން ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ އަވަހަށް ދީ ނިންމުމަށް އައު ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުން ކަމަށެވެ.

އެގޮތުން މިހާރު މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ނުދެވި ބާކީ ހުރި ފައިސާ ވީހާވެސް އަވަހަށް ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް ވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ. މިއީ މިހާރު އޮތް "ބެކް ލޮގަށް" ވަރަށް ބޮޑު ލުޔެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މަސްވެރިން ބާނާ މަސްކޮޅު ކިރުވުމަށްފަހު މަސް ދެމަސް ވެގެންދާއިރު ކުރި މަސައްކަތުގެ އުޖޫރަ ނުދިނުމަކީ އޭގެ ސަބަބުން މަސްވެރި އާއިލާތަކަށް ގިނަ ގެއްލުންތައް ކުރިމަތިވާ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އެމްޑީޕީ ސަރުކާރު ނިމެން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް މަހުގެ އަގަށް ގެނައި އެ ބަދަލުން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށެވެ.

ސަރުކާރުން މަސް ކިލޯއެއްގެ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑު ކުރީ މި އަހަރުގެ ސެޕްޓެމްބަރު މަހު ތެރޭގައެވެ. އެއީ ސަރުކާރުގެ އެންމެ ފަހު ދުވަސްތަކުގައެވެ.