މާލެ ސިޓީ ކައުންސިލްގެ މީޑިއާ އެގްޒެކެޓިވް، އަދި ތަރުޖަމާނަކަށް ހުންނެވި މަރިޔަމް ޝިއުނާއާއި، މީޑިއާ އޮފިސަރު މަލްޝާ ޝަރީފް ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންނަށް އައްޔަންކޮށްފިއެވެ.

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންނަށް އައްޔަންކުރައްވާތީ އެދެބޭފުޅުން ސިޓީ ކައުންސިލުން އިސްތިއުފާދެއްވީ މިއަދެވެ.

ސިޓީ ކައުންސިލްގެ ތަރުޖަމާނަކަށް މަސައްކަތްކުރުމުގެ ކުރިން ޝިއުނާ (ނަންނަ) އަކީ ވީޓީވީ، އާއި ދިވެހި ޗެނަލްގައި މަސައްކަތް ކޮށްފައިވާ ނޫސްވެރިއެކެވެ. މީގެ އިތުރުން ސަންގުޓީވީގައި ޕާޓް ޓައިމް އެންކަރއެއްގެ ގޮތުގައިވެސް މަސައްކަތް ކުރެއްވިއެވެ. އަދި ސިޓީ ކައުންސިލްގެ ތަރުޖަމާނުކަމުގެ މަގާމުގައި ހުންނަވައިގެންވެސް ބައެއް ނޫސްތަކަށް ހަބަރު ލިޔުއްވިއެވެ.

ޝިއުނާ ވަނީ ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތުތަކަށް ތާޢީދުކުރާ ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރިވެލައްވާފައެވެ. އަދި ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ގުންޒަރުގައި "ހޯސްޓެއްގެ" ގޮތުގައިވެސް އެ ރަސްމިއްޔާތު ހުށަހެޅުއްވީ ޝިއުނާއެވެ.

ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކުރެއްވި މަލްޝާ ވަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ މާކެޓިން އެންޑް ސޯޝަލް މީޑިއާ އޮފިސަރެއްގެ މަގާމު ހަތަރު އަހަރު ފުރުއްވާފައެވެ. ޔުނިވާސިޓީ އޮފް ވެސްޓް އޮފް އިންގްލޭންޑް އިން ބެޗްލާސް އޮފް އާޓްސް، ބިޒްނަސް އެންޑް މާކެޓިން ހާސިލު ކުރައްވާފައިވާ މަލްޝާ ވަނީ ބިޒްނަސް މެނޭޖްމަންޓުގެ ޑިޕްލޮމާ ވެސް ހާސިލު ކުރައްވާފައެވެ.