ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުން އޮތީ މިއަދު ހެނދުނު މަޖިލިސް އިދާރާގައެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށާއި ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން ބަދަހި ކުރުމަށް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުވުމުގައި ޗައިނާ ސަފީރު ވަނީ ޗައިނާގެ ނޫގާނު ހަދާ މަޖިލީހުގެ ސްޓޭންޑިންގ ކޮމިޓީގެ މުގައްރިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީ، މަޖިލީހުގެ ރައީސް އަސްލަމަށް އަރުވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހާއި ޗައިނާގެ ގާނޫނު ހަދާ މަޖިލީހާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް މަސައްކަތް ކުރުމަށްވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.
އަދި ޗައިނާގެ ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ދެމުންދާ އެހީތެރި ކަމަށް މަޖިލީހުގެ ރައީސް އަސްލަމް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. މިގޮތުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫއު އަސްލަމް ވަނީ ފާހަގަކުރައްވާފައެވެ
ހަމައެއާއެކު އދ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރު ކެތަރިން ހެސްވެލް ވެސް މިއަދު ވަނީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފައެވެ.