ނިމިދިޔަ ރިޔާސީ އިންތިޚާބުތެރޭގައި އެމްޑީޕީ އާއި އެޕާޓީގެ ވެރިކަމާ މެދު ބުހުތާނު ދޮގުތައް ފަތުރާފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމެޓީން އެކަންކަން ބަލައިދިނުމަށް ޕާލަމެންޓްރީ ގްރޫޕަށް ހުށަހަޅަން އެމްޑީޕީން ނިންމައިފިއެވެ.

އެޕާޓީން އެގޮތަށް ނިންމީ ނޮވެމްބަރު 23 ގައި އުކުޅަހުގައި ބޭއްވި ގައުމީމަޖިލީހުގެ ޖަލްސާގައެވެ. އެޕާޓީން ބޭނުންވަނީ އެމައްސަލަ ޕީޖީއަށް ހުށަހަޅައިގެން އާއްމު ތަހުގީގެއް ހިންގައިދިނުމެވެ.

އެމްޑީޕީ ގެ ގައުމީ މަޖިލީހުން މިގޮތަށް ނިންމެވީ މެމްބަރުންގެ އިއްތިފާގުން ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އުކުޅަހުގެ ކޮންވެންޝަންސެންޓަރ ގައި ބޭއްވި މި ބައްދަލުވުމަށް މި މައްސަލަ ގާރާރެއްގެ ގޮތުގައި ހުށަހެޅުއްވީ އެޕާޓީގެ ޑެޕިޔުޓީ ޗެއަރ ޕާސަން އިބްރާހީމް ވަހީދެވެ. ތާއީދު ކުރެއްވީ ތޮއްޑޫ ދާއިރާ ރައީސް ހުސައިން ސަމީރެވެ. "ދިވެހިރާއްޖޭގައި އެތައްހާސް އިންޑިޔާ ސިފައިން ތިބެ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ނަގާލުމަށް ރާވަމުން ދިޔަކަމުގެ ދޮގު ތުހުމަތު އެޕާޓީއަށް ކޮށްފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އޭގެ އިތުރުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލުމާއި، ދައުލަތް ޝާމިލްވެގެން ކޮރަޕްޝަން ހިންގިކަމަށް ބުނާ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން ބަލައި އާންމު ތަހްގީގެއް ހިންގުމަށް ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގައި އެދެން ނިންމި ކަންމުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން އެ ގަރާރުގައި ޒިންމާދާރު އޮޕޮޒިޝަން ޕާޓީއެއްގެ ދައުރު އަދާކުރުމަށްޓަކައި، ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ކޮމިޓީތައް އެކުލަވާލުމަށް ވެސް ފާސްކުރިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ވިލަރެސްކުރުމަށް 7 މެމްބަރުންގެ ވިލަރެސް ކޮމިޓީއެއް އެކުލަވާލުމާއި، ޕާޓީގެ ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އެކަމަށް ޝައުގުވެރިވާ ފަރާތްތައް ހިމަނައިގެން ކޮމިޓީތައް އެކުލަވާލައި ހިންގުމުގެ އިޚްތިޔާރު ޗެއަރޕާސަނަށް ދިނުމަށްވެސް ވަނީ މި ބައްދަލުވުމުން ނިންމާފައި ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.