އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އެވަޓަން ކޮޅަށް އާޖެންޓީނާގެ ޒުވާން ފޯވާޑް ގާނާޗޯ ކާމިޔާބު ކުރި ހިތްގައިމު ލަނޑާއެކު މަޝްހޫރު މެންޗެސްޓަރ ޔުނައިޓެޑް 3-0 އިން މޮޅުވެއްޖެއެވެ.

ޕްރިމިއަރ ލީގުގައި މިސީޒަނުގައި ފެނިގެންދިޔަ އެންމެ ރީތި އެއްލަނޑު ގާނާޗޯ ކާމިޔާބު ކުރީ މެޗުގެ ތިންވަނަ މިނެޓުގައެވެ. ގާނާޗޯ މިލަނޑު ޖެހީ އެވަޓަންގެ އޭރިޔާގެ ތެރެއަށް ހުރަސް ކުރި ބޯޅަ، "ސިޒާ" ކިކަކުން ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެންނެވެ. މެޗަށްފަހު ގާނާޗޯ ބުނީ މިލަނޑު ޖެހުނުކަން ގަބޫލް ކުރަން އޭނާއަށްވެސް ދަތި ކަމަށެވެ. "އަހަންނަކަށް ނުފެނޭ ބޯޅަ ގޮސް ގޯލަށް ވަން މަންޒަރެއް" ގާނާޗޯ ބުންޏެވެ.

ޔުނައިޓެޑުން ލީޑް ފުޅާ ކުރީ ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި ޕެނަލްޓީއަކުން މާކޯސް ރަޝްފާޑެވެ. ޔުނައިޓެޑުގެ ތިންވަނަ ލަނޑަކީ 75 ވަނަ މިނެޓުގައި ފްރާންސްގެ ފޯވާޑް އެންތޮނީ މާޝިއަލް ކާމިޔާބު ކޮށްދިން ލަނޑެކެވެ.

ގާނާޗޯގެ މޮޅު ލަނޑެއް، އަދި ރަޝްފޯޑާއި މާޝިއަލް ލަނޑު ޖެހިނަމަވެސް މިމެޗުގައި ޔުނައިޓެޑުގެ ތަރިޔަކަށްވީ ފުރަތަމަ ފަހަރަށް ޕްރިމިއަރ ލީގުގައި ކުޅުނު، އެންމެ 18 އަހަރުގެ މިޑްފީލްޑަރު ކޮބީ މައިނޫއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ލިބުނީ މައިނޫ (ފޮޓޯ) އަށެވެ.

މިމެޗުން އެވަޓަން ބަލިވިނަމަވެސް އެޓީމުން ޔުނައިޓެޑާ ދެކޮޅަށް ވަރަށް ރަނގަޅު ކުޅުމެއް ދެއްކިއެވެ. މިމެޗުން މޮޅުވުމުން ޔުނައިޓެޑް އޮތީ 24 ޕޮއިންޓާއެކު ތާވަލުގެ 6 ވަނައިގައެވެ. އެވަޓަން އޮތީ 4 ޕޮއިންޓާއެކު 19 ވަނައިގައެވެ.