ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ސަޔްހޫނީ އިޒްރޭލުން ދިން ޓެރަރިސްޓް ހަމަލާތަކެއްގައި 8 މީހަކު ޝަހީދު ކޮށްލައިފިއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީއިން ހާމަ ކުރައްވާފައިވާ ގޮތުގައި އިޒްރޭލުން ޝަހީދު ކޮށްލި 8 މީހުންގެ ތެރޭގައި ފުރާވަރު ކުައްޖަކުވެސް ހިމެނެއެވެ. މިދިޔަ މަހުގެ 7 ވަނަ ދުވަހު ހަމާސްއިން އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވިފަހުން ފާއިތުވެދިޔަ ދެމަހެއްހައި ދުވަހުގެ ތެރޭގައި އިޒްރޭލުން ގެންދަނީ ހުޅަނގު އައްސޭރިން ފަލަސްތީނު ރައްޔިތުން ޝަހީދުކުރުމާއި ހައްޔަރު ކުރުމުގެ ޓެރަރިސްޓް ހަރަކާތްތައް އިތުރު ކޮށްފައެވެ.

ހުޅަނގު އައްސޭރިން 8 މީހަކު އިޒްރޭލުން ޝަހީދު ކޮށްލާފައިވާއިރު، ޒަޔަނިސްޓް ޔަހޫދީން ގެންދަނީ ހުޅަނގު އައްސޭރިއަށް އަރައި ފަލަސްތީނު ރައްޔިތުންގެ ދަނޑު ބިންތައް ފޭރުމުންކަން ފާހަގަ ކޮށްލެވެއެވެ.

ރަހީނުން ބަދަލު ކުރުމުގެ އެއްބަސްވުމެއްގެ ދަށުން އިޒްރޭލުން ޣައްޒާއާ ދެކޮޅަށް ހިންގަމުން އަންނަ ޤަތުލް އާންމު މިވަގުތަށް އިޒްރޭލުން މެދުކަނޑާލާފައި ވީނަަމަވެސް، ފަަލަސްތީނުގެ އެހެނިހެން އަވަށްތަކުގައި އިޒްރޭލުން ގެންދަނީ މީހުން ހައްޔަރު ކުރުމާއި ޝަހީދު ކުރުމުގެ އަމަލުތައް ހިންގަމުންނެވެ.