ރައީސް އަބްދުﷲ ޔާމީން އެކަނިވާކަށް ނުޖެހޭ ކަމަށް ނާއިބު ރައީސް ޙުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ނޫހަކަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ 2018 ވަނަ އަހަރާ ހަމައަށް ރައީސް ޔާމީން ރާއްޖޭގައި ކުރެއްވީ ވަރަށް ވަރުގަދަ ވެރިކަމެއް ކަމަށެވެ. ވެރިކަމަށް ފަހު މިހާރު އެމަނިކުފާނު ކުރައްވަމުން ގެންދަވާ ކަންކަމަކީ އެހެން ބައެއްގެ ވިސްނުމުގައި ކުރައްވާ ކަންކަން ކަމަށްވެސް ނާއިބު ރައީސް ވިދާޅުވިއެވެ.

"މިއަދު އިވެނީ ރައީސް ޔާމީންގެ އަޑެއްނޫން. އިވެނީ ޤާނޫނީ ވަކީލް ޑރ. ޖަމީލްގެ އަޑު. ރައީސް ޔާމީން އެކަނިވެރިވާކަމަށް ނުޖެހޭ. ހަގީގަތަކީމިއީ. އަޅުގަނޑުމެން އެބަތިބީމު، އެހެންނަމަވެސް އަޅުގަނޑުމެންނާ ގުޅިގެން މަސައްކަތްކުރައްވަން ފުރުސަތު ދެއްވިވަރަކަށް ޑރ. މުއިއްޒު އެހުންނެވީ އެފުރުސަތު ދެއްވައިގެން. އެހެންނަމަވެސް ޑރ. ޖަމީލާއި މަލީހަށް އެފުރުސަތު އޮންނާނޭ ކަމަށް އަޅުގަނޑު ގަބޫލެއްނުކުރަން." ޙުސައިން ވިދާޅުވިއެވެ. އެއީ ރައީސް ޔާމީނަށް މިހާރު ލިބެމުންދާ އަނިޔާތަކުގެ އަޑީގައި އެބޭފުޅުން ތިއްބެވީތީ ކަމަށާއި ރައްޔިތުންތަކެއް މަގުމަތި ކުރުވައި ރާއްޖެ އިގްތިސާދީ އަނދަވަޅަކަށް ވައްޓާލުމުގައި ވެސް އެދެބޭފުޅުންގެ ހިއްސާ ބޮޑުކޮށް އޮތުމުން ކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ. އެބޭފުޅުންނާއެކު ރަނގަޅު މިސްރާބަކަށް ރައީސް ޔާމީނަށް ވަޑައިގަނެވޭނޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ނާއިބު ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ޕީޕީއެމް ދޫކުރައްވައި އެހެން ޕާޓީއެއް އުފައްދަވަން ކުރައްވާ މަސައްކަތުގައި އެހެން ބައެއްގެ ނިންމުންތަކާއި ވިސްނުންތަކެއް އެބަހުރި ކަމަށް ވެސް ޙުސައިން ވިދާޅުވިއެވެ. "އެއީ ރައީސް ޔާމީނަށް އެންމެ ރަނގަޅުގޮތް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ޚާއްސަގޮތެއްގައި ރާއްޖޭގައި ވަރަށްވަރުގަދަ ވެރިކަމެއް ދެހާސް އަށާރައާ ހަމައަށް އެމަނިކުފާނު ކުރެއްވީ. އެވެރިކަމުގައި ރައީސް ޔާމީން ވަނީ ވަރަށްބޮޑެތި މަޝްރޫއުތައް ކާމިޔާބު ކަމާއެކު ހިންގަވައި ފުރިހަމަކުރައްވާފައި. އެވެރިކަން ވައްޓާލަން މަސައްކަތް ކުރެއްވި ދެ ބޭފުޅުން (ޑރ. ޖަމީލް އަދި މަލީހު) މިއަދު އެންމެ އިސްކޮށް (ޔާމީން އަރިހު) އެތިއްބެވީ،" ނާއިބު ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މުލިއާގޭގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ޔާމީން ވަނީ ޑރ. ޖަމީލް ނާއިބުރައީސަކަށް ހުންނެވިއިރު އެމަނިކުފާނަށް އިތުބާރު ނުކުރެވޭކަމަށް ވިދާޅުވެ ހެކި ދެއްކެވުމުގެ ގޮތުން ނޯޓުތަކެއް ވެސް ދައްކަވާފައި ކަމަށެވެ.

އެފަހުން ނާއިބު ރައީސްގެ (ޑރ. ޖަމީލް) އިތުބާރުނެތް ކަމުގެ ވޯޓެއް ނަގައި ވަކިކުރެއްވުމުން ރައީސް ޔާމީނަކީ އުމުރުދުވަހު ޖަލުގައި އޮންވަންޖެހޭ ބޭފުޅެއް ކަމަށާއި ދައުލަތުގެ ވަށައިގެން އެނބުރޭ ފައިސާ ވަންނަނީ ދޫވެއްސަށް ކަމަށް ވިދާޅުވެ ޔޫކޭގައި ހުންނަވައިގެން ޑރ. ޖަމީލް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވާ ކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ. އެފަދަ ބޭފުޅަކު ރައީސް ޔާމީނަށް ހެވެއްނޭދޭނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް ޑރ. މުއިއްޒަކީ ރައީސް ޔާމީނަށް އޭރުވެސް އެންމެ އިޚްލާސްތެރި އެއްބޭފުޅާ ކަމަށް ޙުސައިން ވިދާޅުވިއެވެ.