ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ އައު ޕާޓީ އުފެއްދުމުގެ ހުއްދަ މާދަމާ ލިބޭނޭ ކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ވިދާޅުވެއްޖެއެވެ.

މަލީހު ވިދާޅުވީ "ޕީއެންއެފް އުފެއްދުމުގެ ހުއްދަ މާދަމާ ލިބޭނޭ ކަމުގެ އުފާވެރި ޚަބަރު ލިބިއްޖެ" ކަމަށެވެ.

ރައީސް ޔާމީން "ޕީޕަލްސް ނެޝަނަލް ފްރަންޓް" އުފައްދަވަނީ އެމަނިކުފާނުގެ ބަސް ޕީޕީއެމްގެ ތެރޭގައި ނުވިކެން ފެށުމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި ޕާޓީ އުފެއްދުމުގެ ކަންކަމުގައި އެންމެ ހަރަކާތްތެރިކޮށް ފެންނަނީ މަލީހު އެވެ.

މިއީ ރައީސް ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންގެ މުއައްސިސް ކަމުގައި އުފައްދާ ޕާޓީއެކެވެ. ޕާޓީއުފެއްދުމުގެ ހުއްދައަށް އެދި އީސީއަށް ހުށަހެޅީ މިއަދުއެވެ.

މި ޕާޓީއަށް ފޯމު ފުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދެއެވެ. ވީހާވެސް ގިނަ މީހުން މިޕާޓީއަށް ވަނުމަށް ރައީސް ޔާމީން އެދިވަޑައިގެންފައިވާ ކަމަށް މަލީހުން ވަނީ ވިދާޅުވެފައެވެ.

ޕާޓީ އުފެއްދުމަށްފަހު އެޕާޓީ ވެގެންދާނީ ރާއްޖޭގެ އެންމެބޮޑު ޕާޓީއަށް ކަމަށާއި ކޮންމެ އިންތިޚާބެއްގައި އެޕާޓީން ވާދަކުރުމަށް ވެސް ވަނީ ނިންމައިފައެވެ.