ކުރިއަށް އޮތްތަނުގައި ފޮތެއް ލިޔުމަށްފަހު ފޮތް ޗާޕް ނުކުރެވިފައި ހުންނަން ނުޖެހޭނެ ކަމަށާއި، ދައުލަތުން ފޮތް ޗާޕުކޮށްދޭނެ ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ނަސީރު މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައެވެ.

މި ޕްރޮގްރާމްގައި، ދިވެހި ބަހާއި، ދިވެހިންގެ ގައުމިއްޔަތާއި، ދިވެހިންގެ ސަގާފަތާއި ތަރިކަ އަދި ގައުމިއްޔަތު ދިރިއުވާ އާލާ ކުރުވުމަށް ކުރިއަށް މިސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރާނެ ކަމަށް ވަޒީރު އާދަމް ނަސީރު ވަނީ ވިދާޅުވެފައެވެ.

މިކަމާ ބެހޭ ބައެއް މަސައްކަތްތައް ހަފްތާ 14 ގެ ތެރޭގައި ފެށިގެން ދާނެކަން ފާހަގަކުރައްވައި އާދަމްނަސީރު ވިދާޅުވީ ގައުމީ ޗާޕުހާނާ އަލުން އިޔާދަ ކުރައްވާނެ ކަމަށެވެ.

ރާއްޖެއާއި ބެހޭ ގޮތުން ބޭރުގެ ލިޔުންތެރިން ބައެއް ލިޔުންތައް ލިޔުއްވާފައިވާކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ ދިވެހިން ރާއްޖޭގެ ޗާޓަރުތައް ކުރަހައިގެން އުޅުނުކަމާއި ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި އިލްމު ދިވެހިންގެ އަތުގައި ހުރިކަމަށް ބޭރުގެ ލިޔުންތެރިން ލިޔުއްވާފައިވާ ކަމަށެވެ.

މީގެން ބައެއް އެއްޗެހި ގެއްލުނު ނަމަވެސް އަދިވެސް ބައެއް ކުރީގެ ބޭފުޅުންގެ އަތުގައި މިފަދަ މުހިންމު ލިޔުންތައް ހުރި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިފަދަ ލިޔުންތައް ޗާޕުވާންޖެހޭ ކަމަށާއި، ދިވެއްސެއް ފޮތެއް ލިޔުމަށްފަހު ފޮތެއް ޗާޕުނުވެ ހުންނަން ނުޖެހޭނެ ކަމަށެވެ. ވަޒީރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ދައުލަތުން ފޮތް ޗާޕުކޮށްދޭނެ ކަމަށާއި، ގައުމީ ޗާޕުހާނާގެ އެންމެ ބޮޑު ބޭނުމަކީ ފޮތްތައް ޗާޕުކޮށްދިނުން ކަމަށެވެ.

ފޮތް ލިޔަން ބޭނުންވާ މީހުންނަށް އެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ހަފްތާ 14 ގައި އެކަމެއް ކުރުން އަޅުގަނޑުމެން ފަށަންޖެހޭ މަސައްކަތެއް. އެއީ ގައުމީ ޗާޕުހާނާ އަލުން އިޔާދަކުރުން. ގައުމީ ޗާޕު ހާނާ އަލުން އިޔާދަކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގައުމީ ސިޔާސަތުގެ ތަސައްވުރުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ބައެއް. މިކަން މިމުހިންމު ވަނީ ކޮންމެ މީހެއްގެ އޮންނާނެ އެމީހެއްގެ އަމިއްލަ ތާރީހެއް. ކޮންމެ އަވަށެއްގެ ތާރީހެއް އޮވޭ. ކޮންމެ ގެއެއްގެ ތާރީހެއް އޮވޭ،"

އާދަމްނަސީރު ވިދާޅުވީ މިފަދަ ތާރީހުތައް އޮތެއްކަމަކު ދިވެހިންގެ ތާރީހުގެ ތެރެއިން އަދި ދިވެހިންނަށް ލިޔެވިފައި ގިނައިން ފެންނަން މިހުރީ ވަކި ކަހަލަ ތާރީޙީ އަދި ބައެއް ކަހަލަ އިލްމުގެ ފޮތްތައްކަމަށެވެ. އެގޮތުން ދިވެހި ބޭސްވެރިކަން، ދިވެހިންގެ ކެއްކުންތައް، އޮނޑިދޯނި ފަހަރު ބަނުން ފަދަ ފޮތްތައް ލިޔެވިފައި އެބަހުރިކަަށް ވަޒީރު ބުންޏެވެ.

"މިދެންނެވިހެން 4000 އަހަރު ވަންދެން މިގޮތަށް މިހެން މިއޮތީ ބަޔަކު މިތަން ބެލެހެއްޓީމަ އެނގޭތޯ،"

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވަޒީރު ވިދާޅުވީ ދިވެހިންގެ ރަންޒަމާން ދިވެހިންނަށް އެނގެން ޖެހޭ ކަމަށާއި، ވާހަކަތައް ފެންނަން ހުންނަންޖެހޭ ކަމަށެވެ.

ދިވެހިން މިސަރަހައްދުގައި ބާރުވެރިވެ މުޅި ކަނޑުގައި އެމީހުންގެ ބާރުވެރިކަން ހިންގާލި ގޮތާއި، އޭގެ ހަގީގަތްތައް ފެންނަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.