އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޝްރީ މުނު މަހާވަރް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް މުޙައްމަދު އަސްލަމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް އިއްޔެ ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިސް ކުރާގޭގައި އޮތް މިބައްދަލުކުރެއްވުމުގައި މަޖީލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، އިންޑިއާއަކީ ޒަމާނުއްސުރެ ރާއްޖެއާއި ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއްކަން ފާހަނގަކުރެއްވިއެވެ. އަދި އިންޑިއާ އަކީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވާ، އިންޑިއާއިން ރާއްޖެއަށް ވެދެއްވަމުންދާ އެހީތަކަށް އިންޑިއާ ސަރުކާރަށާއި ރައްޔިތުންނަށް މަޖިލީހުގެ ރައީސް ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުން ރައްޔިތުންގެ މަޖިލީހަށް ފޯރުކޮށްދެއްވާ އެހީއާއި ތަމްރީނުގެ ފުރުޞަތުތައް މަޖިލީހުގެ ރައީސް އަސްލަމް ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހާއި އިންޑިއާގެ ޤާނޫނު ހަދާ މަޖިލީސް، އިންޑިޔާގެ ލޮކް ސަބާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވިއެވެ.

އިންޑިއާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި އިންޑިއާ ދެމެދު އޮންނަ ޒަމާންވީ ރަޙްމަތްތެރި ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި އިންޑިއާ އިން އަބަދުވެސް ރާއްޖޭގެ ތަރައްޤީގެ މުހިއްމު މަސައްކަތް ތަކުގައި ބައިވެރިވެ ރާއްޖެއަށް އެހީތެރިވެދޭނެކަމަށް އިންޑިއާ ސަފީރު ވިދާޅުވިއެވެ.