ހުޅުމާލޭ ސެންޓަރަލް ޕާކް ކައިރީ ހިގި އެކްސިޑެންޓުގައި އަނިޔާވި ދެމަފިރިންގެ ތެރެއިން ފިރިމީހާ، އިސްމާއީލް ވަހީދު ނިޔާވެއްޖެއެވެ.

އޭޑީކޭގައި ފަރުވާ ދެމުން އައި އިސްމާއީލު ނިޔާވީ ރޭ ދަންވަރު ދޭއްޖަހާ އެހާކަށްހާ އިރުގައި ކަމަށް އާއިލާއިން ވަނީ ހާމަކޮށްފައެވެ. މިއަދު މެންދުރު ނަމާދުގެ ފަހުން ކަށުނަމާދުކޮށް ވަޅުލުމަށް ނިންމާފައިވާއިރު، މިވަގުތު ހުޅުމާލޭ އާސަހަރާގައި އިސްމާއީލުގެ މޫނު ދެއްކުން ކުރިއަށް އެބަދެއެވެ.

އެކްސިޑެންޓަށްފަހު ހާލު ދެރަވެ ފަރުވާދެމުން ދިޔަ އިސްމާއީލުގެ ހާލު ބޮޑަށް ގޯސްވީ މިދިޔަ ބުރާސްފަތި ދުވަހު ކުރި އަތުގެ އޮޮޕަރޭޝަނަކަށްފަހު ކަމަށްވެއެވެ.

އިސްމާއީލަކީ ދުއްވުމުގައި މަގުމަތީގެ ގަވާއިދަށް ހުރުމަތްތެރިވެ، ސަމާލުކަންދޭ ފަރާތެއްކަމަށްވެއެވެ. މި އެކްސިޑެންޓުގައި އަބަދުގެ އަބަދަށް އާއިލާއިން ވަކިވެ އެ ދިޔައީ އިންތިހާއަށް ހަމަޖެހޭ މަޑުމައިތިރި، ދިރިއުޅުމެއް އުޅެމުން ދިޔަ ފަރާތެކެވެ. މިދެމަފިރިންނަކީ އެންމެނާ ގުޅޭ، އުފާވެރި މިޒާޖެއްގެ އެހާމެ ހުލްގު ހެޔޮ ދެމަފިރިންކަމަށް މި މީހުން ދަންނަ އެތައް ބައެއްގެ ދުލުން ވަނީ ބުނެފައެވެ.

މިއާއިލާއަށް ކެތްތެރިކަން ދެއްވައި އައިސީޔޫގައި ފަރުވާދެމުން ގެންދާ އައިޝަތުމަނިކެ އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށިއެވެ.

މިއީ މިދިޔަ ހޯމަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް، ތިން ސައިކަލެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެކެވެ. މިމައްސަލައިގައި ކާރު ދުއްވަން އިން މީހާ ވަނީ ހައްޔަރުކުރެވިފައެވެ. މިމައްސަލަ ފުލުހުންދަނީ އިތުރަށް ތަހުޤީގުކުރަމުންނެވެ.