ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް އެ ކުންފުންޏަށް ގިނަ އަހަރުތަކެއް ހިދުމަތް ކުރައްވާފައިވާ ހުސެއިން ފަހުމީ މިއަދު ހަމަޖައްސަވައިފިއެވެ.
މަގާމާ ހަވާލުވެވަޑައިގެން، ފަހުމީ ވަނީ ކުންފުންޏާ މެދު ބަހައްޓަވާ ގާތްކަން ހަމަ އެގޮތުގައި ހިފަހައްޓަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ކުންފުނި ކުރިއަރުވައި އާންމުނަށް ދޭ ހިދުމަތުގެ އިތުރަށް ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަންވެސް ފަހުމީ ދެއްވިއެވެ.
1998 އަހަރުން ފެށިގެން ސްޓެލްކޯއަށް ހިދުމަތް ކުރައްވަމުން ގެންދަވާ ފަހުމީ އެންމެ ފުރަތަމަ އެ ކުންފުންޏާ ގުޅިވަޑައިގަތީ އެކައުންޓް އެސިސްޓެންޓް ޓެރެއިނިން އޮފިސަރެއްގެ ގޮތުގަ އެވެ. އޭގެ ފަހުން ކުންފުންޏަށް ގިނަ ކާމިޔާބީތައް ހޯދުމުގައި އިސް ރޯލެއް ފަހުމީ ވަނީ އަދާކުރައްވާފަ އެވެ. ސްޓެލްކޯގެ އެކި ސެކްޝަންތައް ލީޑް ކުރެއްވުމުގައިވެސް ފަހުމީ ވަނީ މަސައްކަތް ކުރައްވާފައެވެ.
މިއަދު ހަވާލުވެވަޑައިގެންނެވި އެމްޑީގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން ފަހުމީ ހުންނެވީ ކުންފުނީގެ ޖެނެރަލް މެނޭޖަރުގެ މަގާމުގަ އެވެ.
ސްޓެލްކޯގެ އެސިސްޓަންޓް ޑިރެކްޓަރުކަމާއި، ޑެޕިއުޓީ ޑިރެކްޓަރެއްގެ މަގާމު އަދާކުރައްވާފައިވާއިރު ފަހުމީ ވަނީ ފިނޭންސާއި، ޕްރޮކިއުމަންޓު އަދި ބިލްޑިންގ ދާއިރާގެ އިތުރުން ބިޒްނަސް މެނޭޖެމްންޓުގެ ދާއިރާގެ ސެކްޝަންތަކުގައިވެސް ހިދުމަތް ކުރެއްވި އެވެ.
އަދި މީގެ އިތުރުން އިނގިރޭސިވިލާތުން މާސްޓަސް އޮފް އެކައުންޓިން އާއި، ފައިނޭންޝިއަލް ސާވިސަސްއިން އެމްބީއޭ ފަހުމީ ވަނީ ހާސިލު ކުރައްވާފައެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިދިޔަ ސަރުކާރުން އެންމެ ފުރަތަމަ އައްޔަނު ކުރީ ހަސަން މުޣުނީ ކަމަށްވިޔަސް އެމަގާމުން އޭނާ ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމަށް ބަދަލުކޮށްފައެވެ. އަދި ދެން މިނިމުނު ސަރުކާރުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސީ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަހުމަދު ޝަރީފެވެ.