ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއަށް ހެޔޮބަދަލެއް އަންނާނެކަން، އެކުންފުނީގެ އައު މެނޭޖިން ޑިރެކްޓަރ ކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ގަޑިއިރު ތެރޭގައި ހުސެއިން ފަހުމީ ސާބިތުކޮށްދެއްވައިފިއެވެ.
މަގާމާއި ރަސްމީކޮށް ހަވަލުވެވަޑައިގެންނެވި ތާ ގަޑިއިރެއްހާއިރުގެ ތެރޭގައި ފަހުމީ ވަނީ މާވެޔޮ މިސްކިތް ކައިރީ އެކުންފުނިން ބަހައްޓާފައި ހުރި ޓްރާންސްފޯމަރުގެ ކަންތައް ބައްލަވައިލެއްވުމަށް ވަޑައިގެންފައެވެ.
އޭގެ ސަބަބުން އާންމުންނާއި އެ ސަރަހައްދުން ދުއްވާ އުޅަނދުތަކަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭތީ، ޓްރާންސްފޯމަރުގެ ސަބަބުން ދިމާވާ ދަތިތަކަށް މައާފަށް އެދިވަޑައިގެން ފަހުމީ ވަނީ އެ ނެގުމުގެ މަސައްކަތް ފައްޓަވައި އަހަރު ނިމުމުގެ ކުރިން މުޅިތަން އެއްކޮށް ސާފު ކުރެވޭނެކަމަށް ވިދާޅުވެފަ އެވެ.
"ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު ދެއްވަމުންގެންދަވާ އެންމެ ބޮޑު އަހައްމިއްޔަތު ކަމަކީ ރައްޔިތުންނަށް ލުއި ފަސޭހަގޮތްތައް ހޯދައިދިނުން. މިއަދު މި ޓްރާންސްފޯމަރު މަގުމަތިން ނެގުމުގެ މަސައްކަތް ފަށާއިރު އިރާދަ ކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރިން އެ ޓްރާންސްފޯމަރު މަގުމަތިން ނަގައި، އެ މަގު ބޭނުން ކުރާ ފަރާތްތަކަށް އެކަމުގެ ލުއި ފަސޭހަތައް ހޯދަވައިދެއްވާނެ ކަމުގެ ޔަގީންކަންދެން،" ފަހުމީ ވިދާޅުވި އެވެ.
މި ޓްރާންސްފޯމަރު މާވެޔޮ މިސްކިތް ސަރަހައްދުގައި ބަހައްޓާފައި ހުންނަތާ ހަ އަހަރު ވަނީ ވެފަ އެވެ.
މާލޭގެ ސަރަހައްދުގައި މިހާރު ބަހައްޓާފައި ހުރި ބައެއް ޓްރާންސްފޯމަރުތައް އަޕްގްރޭޑު ކުރުމަށް ސްޓެލްކޯއަށް ބޭނުންވާ ޖާގަ އިތުރުކޮށްދޭން މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.
ޑިސްޓްރިބިއުޝަން ނެޓްވޯކު ވަރުގަދަ ކުރުމަށް އިތުރު ޓްރާންސްފޯމަރުތައް ބެހެއްޓުމުގެ މަސައްކަތް ކުރިއިރު، ސްޓެލްކޯއިން ވަނީ މާވެޔޮ މިސްކިތް ކައިރީގައި ހުރި ޓްރާންސްފޯމަރު ބަހައްޓާ ސަރަހައްދު ކަނޑައެޅިގެން ދިއުމާއި އެކު އެ ސްޓޭޝަން އެތަނުން ނަގާނެކަން ފާހަގަކޮށްފަ އެވެ.