ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތުރަކް އަބްދުﷲ އަލްއަޖާލީން އަލްދައުސަރީ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމްއާއި ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުން ބާއްވާފައި ވަނީ މިއަދު އިސްލާމިކް މިނިސްޓްރީގައެވެ.

އެމަނިކުފާނުގެ މި ޒިޔާރަތުގައި މިނިސްޓަރު ޝަހީމް ވަނީ ރާއްޖެއާ ސައުދީއާ ދެމެދު ޒަމާނުއްސުރެ އޮތް ގާތްގުޅުމާއި ސައުދީން ކޮށްދީފައިވާ ކަންކަން ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ސައުދީއަކީ އިސްލާމީ އެހީ ރާއްޖެއަށް އެންމެ ގިނައިން ދީފައިވާ ގައުމުކަން ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.

އަދި ރާއްޖޭގެ އެންމެ ގިނަ އިލްމުވެރިންނަށް ހިލޭ ކިޔަވައިދިނުމާއި އެންމެ ގިނަ މިސްކިތް ހިލޭ އެޅުމާއި އެންމެ ގިނަ އިސްލާމިކް ސެންޓަރުތައް ހިލޭ އަޅައިދިން ގައުމަކީ ސައުދީކަން ފާހަގަކުރައްވާ ރާއްޖެއަށް ސައުދީން ކޮށްދީފައިވާ ބައެއް ކަންކަމުގެ ލިސްޓެއް ވަނީ ސަފީރާއި ހިއްސާކޮށްފައެވެ.