ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ހަމަޖައްސައިފި އެވެ.

ވެރިކަމާ ހަވާލުވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކުންފުނިތަކުގެ ވެރިން އައްޔަނު ނުކުރެވި ލަސްވީ ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކަށް މެމްބަރުން ހަމަޖައްސާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒޭޝަން (ޕީސީބީ) ހުސްކަމެއްގެ ތެރޭގައި އޮތުމުންނެވެ.

ކޯރަމް ވެސް ހަމަވާ ވަރަށް މެމްބަރުން ނެތް ޕީސީބީއަށް، އައު މެމްބަރުން ހަމަޖައްސައި ކުންފުނިތަކުގެ އިސްވެރިން މަގާމަށް އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައި ވަނީ އިއްޔެ އެވެ.

ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކަށް މިއަދު ވަނީ މެނޭޖިން ޑިރެކްޓަރުން ހަމަޖައްސާފަ އެވެ.

ފެނަކައަށް މުއާޒު ހަމަޖެއްސީ މިއަދުގެ ވަގުތެއްގަ އެވެ. މުއާޒަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރު، މަޑަވެލި ދާއިރާގެ މެމްބަރެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމުގައި މަސައްކަތް ކުރައްވައި އެމަނިކުފާނުގެ އެސިސްޓަންޓް ކެމްޕެއިން މެނޭޖަރަކަށް ހުންނެވި މުއާޒު ވަނީ އާކިޓެކްޗާގެ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވާފަ އެވެ.

މިދިޔަ ސަރުކާރުގައި ފެނަކައިގެ އެމްޑީއަކަށް ހުންނެވީ އަހުމަދު ސައީދެވެ. އަދި އިދިކޮޅުގައި ޕީޕިއެމް/ޕީއެންސީ އޮތް އިރު އެ ކޯލިޝަނުގެ އެންމެ ބޮޑެތި ފާޑުކިއުންތަކާއި، ތުހުމަތުތައް އަމާޒުވި އެކަކީ ސައީދެވެ.