ކެންސަރު ބައްޔަށް ފަރުވާ ހޯދެއްވުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ އައިޝަތު ރަމީލާ ރާއްޖެއަށް ބޭރަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވައިފިއެވެ.

ވަޒީރު ޑރ ރަމީލާ އެކަން ހާމަކުރައްވާފައިވަނީ އެކަމަނާގެ ފޭސްބުކްއެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ޑރ ރަމީލާ ވިދާޅުވެފައިވަނީ ކެންސަރު ބަލި ޖެހިފައިވާ ކަމަށާއި އަދި އެ ބަލި މިހާރު ހުރީ އެޑްވާންސް ސްޓޭޖުގައި ކަމަށެވެ. އެހެންނަމަވެސް ކެންސަރުގެ ކޮން ވައްތަރެއްކަން ހާމަކޮށްފައެއް ނުވެއެވެ.

"ހައިޕަތާމިކް އިންޓްޕެރިޓޮނިއަލް ކިމޯތެރަޕީ އަދި ރޭޑިއޭޝަން ނެގުމަށް މިއަދު ރާއްޖެއިން ބޭރަށް ފުރުމަށް ވަނީ ހަމަޖެހިފައި. ހުރިހާ ބޭފުޅުން ވެސް އަޅުގަނޑަށް ހެޔޮ ދުއާ ކޮށްދިނުން އެދެން." ވަޒީރު ޑރ ރަމީލާ ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ އާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ވަޒީރު ޑރ ރަމީލާ މަގާމަށް އައްޔަން ކުރެއްވީ މި މަހުގެ 17ގައެވެ. ޑރ ރަމީލާއަކީ މި ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މަދު އަންހެން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެކެވެ.

ވަޒީރަކަށް އައްޔަން ކުރުމުގެ ކުރިން ޑރ ރަމީލާ ވަނީ ހެލްތުމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ. އަދި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް އޭނާ ކުރެއްވެވިއެވެ. އަދި އެވިޑް ކޮލެޖްގެ ޑީންގެ މަގާމު ވެސް ފުރުއްވާފައެވެ.