ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ)ން ދީފިއެވެ.

ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން އީސީއަށް ވަޑައިގެންނެވި އިރު އޭގެ ތެރޭގައި ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރ މުހައްމަދު މަލީހް ޖަމާލު އާއި ކުރީގެ ނައިބް ރައިސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ހިމެނެއެވެ.

އީސީގެ ރައީސް ފުއާދު ތައުފީގް އާއި ނައިބް ރައީސް އިސްމާއިލް ހަބީބްގެ އިތުރުން މެންބަރުންވެސް ބައިވެރިވި ބައްދަލުވުމެއްގައި އެ ޕާޓީ އުފައްދަން ހުއްދަ ދިންއިރު، މިހާރުވެސް އެ ޕާޓީއާ މީހުން ގުޅުމަށް މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ރައީސް ޔާމީން ޕީޕީއެމް ދޫކުރައްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ޕީޕީއެމް ދޫކުރައްވައި އާ ޕާޓީއެއް އުފައްދަވާފައިވާއިރު، މިހާރު އެޕާޓީގެ ނަން، ލޯގޯ އަދި ކުލަ ވެސް ވަނީ އާންމު ކޮށްފައެވެ. އަދި ޕީއެންއެފްގެ ނަމުން އެ ޕާޓީއަށް ވަނީ ނަންދީފައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ގޮތުން ޕާޓީއެއް އުފެއްދޭނީ މަދުވެގެން 3،000 މެންބަރުންގެ ސޮއި އީސީއަށް ހުށަހަޅައިގެންނެވެ. އޭރުން ޕާޓީ ރަޖިސްޓްރީ ކުރުމުގެ ޖަލްސާ ބާއްވަން އީސީއިން ހުއްދަ ދޭނެއެވެ. އެ ޖަލްސާގައި މަދުވެގެން 300 މެންބަރުން ބައިވެރިވާން ޖެހޭނެއެވެ.