ސިކްސްތް ޕަވަރ ޑިވޮލޮޕްމަންޓް ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ކުރިއަށް އޮތް 100 ދުވަހުގެ ތެރޭގައި ފެށުމަށް ނިންމައިފިއެވެ.

ސްޓެލްކޯއިން މިއަދުު ބުނީ ގްރޭޓާމާލޭ ރީޖަންގެ ޕަވަރ ސެކިއުރިޓީ ކަށަވަރު ކުރުމަށްޓަކައި ސިކްސްތް ޕަވަރ ޑިވޮލޮޕްމަންޓް ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ކުރިއަށް އޮތް 100 ދުވަހުގެ ތެރޭގައި ފެއްޓެވުމަށް މެނޭޖިންގ ޑިރެކްޓަރ ހަސައިން ފަހުމީ ނިންމަވާފައިވާ ކަމަށެވެ.

މީގެއިތުރުން އެ ކުންފުނިން ހާމަކުރެއްވި ގޮތުގައި އެމްޑީ ފަހުމީ މިގޮތަށް ނިންމެވީ މާލެ އަދި ހުޅުމާލޭގެ ޕަވަރ ޖެނެރޭޝަންގެ މަސައްކަތުގައި އުޅުއްވާ މުވައްޒަފުންނާއެކު ބޭއްވެވި ބައްދަލުވުންތަކެއްގައެވެ.

އެގޮތުން މި ބައްދަލުވުންތަކުގައި އެމްޑީ ދެއްކެވި ވާހަކައިގައި ވަނީ އެ ކުންފުންޏަކީ ޓެކްނިކަލް ކުންފުންޏަކަށްވުމާއެކު އެ މުވައްޒަފުންގެ ދައުރު ކުންފުނި ހިންގެވުމުގައި ފާހަގަ ކުރައްވައި ޝުކުރު އަދާކުރަށްވައިފައެވެ.

އަދި އެމަނިކުފާނު ވަނީ ކުންފުނި ހިންގެވުމުގައި ޓެކްނިކަލް މުވައްޒަފުންގެ ލަފަޔާއި އިރުޝާދު އަބަދުވެސް ހޯއްދަވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.