މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ.ގެ ޕާޓީތަކުގެ 28ވަނަ ކޮންފަރެންސް (ކޮޕް28) ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، ދުބާއީއަށް ވަޑައިގެންފިއެވެ.

އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ރާއްޖެއަށް ކޮޕް28 އަކީ ދުނިޔޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ޤައުމުގެ އުންމީދުތަކާ ބެހޭގޮތުން މަޝްވަރާކުރުމުގެ ލިބިގެންދާ މުހިންމު ފުރުޞަތެއް ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. ހަމައެއާއެކު، ފުރަތަމަ ގްލޯބަލް ސްޓޮކްޓޭކް (ޖީއެސްޓީ) އިން ޕެރިސް އެއްބަސްވުން ތަސްދީގުކުރި ފަހުން ލިބުނު ކުރިއެރުންތަކުގެ ފުރިހަމަ ވަޒަންކުރުމެއް ލިބިގެންދާނެކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ފިޔަވަޅުތައް އެއްގޮތްކޮށް، ކުރިމަތިވަމުންދާ ދަތިތަކާއި ފަރަގުތައް ހައްލުކުރުމަށް ކުރާ މަސައްކަތްތަކަށް މި ސަމިޓް މަގުފަހިވާނެކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

ކޮޕް28 ސަމިޓުގައި ރައީސް ޑރ މުއިއްޒު ތަގުރީރު ދެއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގައެވެ.