ރޭ، މާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންގެ ތެރެއިން ދެމީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި އެވެ.

ރޭ 11:30 ހާއިރު މާލެ ބޮޑުތަކުރުފާނުމަގުން ވިލާ ކޮލްޖެ ކައިރިން ހިނގި މި އެކްސިޑެންޓުގައި ތިން މީހުންނަށްވެސް ވަނީ އެކިވަރުގެ ބޮޑެތި އަނިޔާތަކެއް ވެފައެވެ.

ވެންޓިލޭޓަރުގައި ދެމީހަކަށް ފަރުވާ ދެމުން އަންނައިރު އެތަނުން އެކަކީ ށ. ކުރިނބީއަށް އުފަން ޒުވާން ވިޔަފާރިވެރިއެއް ކަމުގައިވާ "ފަސޭހަ ރީޗާޖް"ގެ ވެރިޔާ އަލީ އުވައިޝް ކަމަށް މައުލޫމާތުވަނީ ލިބިފައެވެ.

އަލީ އުވައިޝްގެ އިތުރުން މި އެކްސިޑެންޓްގައި އިތުރު ފިރިހެނަކާއި އަންހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު މިތަނުން ފިރިހެންމީހާ އަށްވެސް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރގައެވެ.

މިއަދު ހެނދުނު ފުލުހުން ބުނެފައިވާގޮތުގައި ވިލާ ކޮލެޖް ކައިރީގައި ދެ ސައިކަލެއް ޖެހި މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ 11:26 ހާއިރުގައެވެ.

“އެކްސިޑެންޓްގައި ދެ ސައިކަލު ޖެހި ތިން މީހަކަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް މިހާރު ދަނީ ފަރުވާދެމުން، އެއީ ދެ ފިރިހެނުންނާއި އަންހެނެއް، ތިން މީހުންގެވެސް ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތުދޭ” މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި އެކްސިޑެންޓް ހިނގި ދެ އުޅަނދަށްވެސް އެކިވަރުގެ ގެއްލުން ވެފައިވެއެވެ. އެކްސިޑެންޓްގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.