އެންމެ މޮޅަށް ސިޓީ ލިޔާ މީހެއް ހޮވަން ޕްރޮސިކިއުޓާ ޖެނެރަލްގެ ވާދައިގެ ތައްޓަށް ބާއްވާ ދިވެހި ބަހުން ސިޓީ ލިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ވަގުތު ހަމަވިއިރު 180 އަށްވުރެ ގިނަ މީހުން ބައިވެރިވެއްޖެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ ވާދައިގެ ތައްޓަށް ދިވެހި ބަހުން ސިޓީ ލިޔުމުގެ މުބާރާތެއް ބާއްވަން އެ އޮފީހުން ނިންމައި ބައިވެރިވާން ހުޅުވާލާފައިވަނީ މި ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. މިއީ ސިޓީ ލިޔުމުގެ މިފަދަ ފުރަތަމަ މުބާރާތެވެ.

ޕީޖީ އޮފީހުން ބުނިގޮތުގައި މި މުބާރާތުގައި ގިނަ އަދަދެއްގެ ސުކޫލްތަކާއި ކުންފުނިތައް ތަމްސީލުކުރާ ފަރާތްތައް ބައިވެރިވާން ރަޖިސްޓަރީ ކޮށްފައިވެ އެވެ.

މިމުބާރާތަށް ލިބުނީ ހީކުރިވަރަށްވުރެ މާ ބޮޑު ތަރުހީބެއްކަން ފާހަގަ ކުރަމުން ޕީޖީ އޮފީހުން ބުނީ މުބާރާތުގައި ބައިވެރިވި މީހުންނަށް، އެމީހަކު ލިޔަން ޖެހޭ ސިޓީގެ ނޯޓެއް، އޮންލައިން ޕޯޓަލްގެ ތެރެއިން ފެންނާނެ ކަމަށެވެ. އަދި ސިޓީ ލިޔަން ޖެހޭނީ އަތުން ކަމަށާއި އަތުން ލިޔުމަށްފަހު، ފޮޓޯއެއް ނަގައި، ވެބްސައިޓަށް އަޕްލޯޑު ކޮށްލުމުން މުބާރާތުގައި ބައިވެރިވެވުނީ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެ އެވެ.

ސިޓީ ފޮނުވުމުގެ މުއްދަތު ހަމަވާނީ، ކުރިއަށް އަންނަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ މެނދުރު ފަހު 2:00 އަށެވެ.

މި މުބާރާތުގައި ވަނަވަނަ ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމާއި ހަނދާނީ ފިލާ ދޭނެ އެވެ.

  • އެއް ވަނަ ސިޓީއަށް 3،000ރ. ފައިސާގެ އިނާމާއި ނދާނީ ލިޔުމާއި ތަށި
  • ދެ ވަނަ ސިޓީއަށް 15،00ރ. ފައިސާގެ އިނާމާއި ހަނދާނީ ލިޔުން
  • ތިން ވަނަ ސިޓީއަށް 1،000ރ. ގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން