ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ތިބި ފަރާތްތަކުގެ ހާލަތު ދެނެގަންނަ ފޯމް ހުށައެޅުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އެ މިނިސްޓްރީން މި ފޯމު ހުށަހެޅުމަށް އަންގާފައި ވަނީ 2021 ވަނަ އަހަރުން 2023 ވަނަ އަހަރަށް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި ފޯމް ބަލައިގަންނަން ފަށާނީ ޑިސެމްބަރ މަހުގެ 3ވަނަ ދުވަހުން ފެށިގެން ޑިސެމްބަރ 25 ވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް ކަމަށެވެ.

މީގެއިތުރުން މި މުއްދަތުގެ ތެރޭގައި ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:15 އިން 11:45 އަށް އެ މިނިސްޓްރީގެ ކައުންޓަރުން ފޯމު ބަލައިގަތުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

އަދި އެ މުއްދަތުގެ ތެރޭގައި ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ހާލަތު ދެނެގަންނަ ފޯމް ހުށަނާޅާ ފަރާތްތައް ދަފްތަރުން އުނިކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވި ފަހުން ރަޖިސްޓްރީވެފައިވާ ރަށް ފިޔަވައި އެހެން ރަށަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ މީހުންނާއި ދަފްތަރުގައި ރަޖިސްޓްރީވި ފަހުން ކައިވެނީގެ ހާލަތަށް ބަދަލު އައިސްފައިވާ މީހުން އެ ފޯމް ހުށައަޅަން ޖެހޭނެ ކަމަށެވެ.

އަދި ވަޒީފާ ލިބި ދިރިއުޅުމުގެ ހާލަތު ބަދަލުވެފައިވާ މީހުންނާއި މި އަހަރުގެ ދަފްތަރުގައި ރަޖިސްޓްރީވި ފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި 65 އަހަރު ފުރިފައިވާ މީހުންނާއި އަންނަ މަހުގެ 25 ގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުން ނުވަތަ 65 އަހަރު ފުރޭ ފަރާތްތަކުން މި ފޯމް ހުށައަޅަން ޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.