މުޅި މަނަދޫއަށް ބިރުވެރިކަމާއި ސިހުން ގެނައި ނައީމާ މޫސާ މަރާލި ހާދިސާގައި ނައީމާ މޫސާ މަރާލަން ގެންގުޅުނު ވަޅި އާއި އެހެނިހެން ހެކި ނައްތާލުމުގެ ބޭނުމުގައި އަންދާލާފައިވާ ކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު ވިދާޅުވެއްޖެއެވެ.
ޕީޖީ ޝަމީމު މިހެން ވިދާޅުވެފައި ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ނައީމާގެ މަރުގެ މައްސަލާގައި ދައުވާކުރަން ފޮނުވާފައިވާ މީހުންގެ މައްޗަށް ދައުވާ ސާބިތު ކުރެވޭވަރަށް ހެކި އެބަހުރިކަން ފާހަގަކުރައްވައި ޕީޖީ ޝަމީމު ވިދާޅުވީ ހެކި ހުރިނަމަވެސް ހެކި ނައްތާލުމުގެ ބޭނުމުގައި، ނައީމާ މަރާލުމަށް ބޭނުންކުރި ވަޅިއާއި އެފަދަ އެހެނިހެން ތަކެތިވެސް އަންދާލާފައިވާ ކަމުގައެވެ.
ނައީމާ މޫސާ މަރުވެފައި އޮތްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު އޭނާ ދިރިއުޅެމުންދިޔަ ގޭގައެވެ. މިއާއެކު މަރުގެ މައްސަލާގައި ފުލުހުންގެ ހާއްސަ ތަހުގީގު ޓީމެއް މަނަދޫގައި ހަރަކާތްތެރިވެފައި ވެއެވެ.
މިމައްސަލައިގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ނ. މަނަދޫ ފެހިވިލާގެ އަހުޒަމް އަބްދުއް ޝުކޫރާއި އަބްދުލް ވާހިދު ފިރާސްގެ މައްޗަށެވެ. ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާވެސް ހިމެނޭގޮތަށް، މި ދެމީހުންގެ މައްޗަށްވެސް ދައުލަތުން ތިން ދައުވާއެއް ކުރެއެވެ.
ޝަމީމު ވިދާޅުވީ ތޫނު ހަތިޔާރުގެ ބޭނުންކޮށްގެ ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ކުރަނީ ނައީމާ މަރާލުމަށްފަހު ނ. މަނަދޫ ނާމަގު ސަރަހައްދަށް ގޮސް އެތަނުގައި ވަޅެއް ކޮނެ އެއަމަލު ހިންގުމަށް ބޭނުން ކުރި ވަޅި އާއި އެހެން އެއްޗެހި ނައްތާލަން އަންދާލާފައިވާތީ ކަމުގައެވެ.
އޭގެ އިތުރުން ޝަމީމު ވިދާޅުވީ އެ ދެމީހުންގެ މައްޗަށް މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ހިފާފައިވާކަމުގެ ދައުވާވެސް ކުރާ ކަމަށެވެ.
"އެދައުވާ މިކުރަނީ އެގޭގެ ދޮރު ތަޅުލާފައި ދިޔައީ، އެހެންވެ 40 ގަޑިއިރު ފަހުން އާއިލާއަށް އެ އެނގުނީ އެހާދިސާ ހިނގައިގެން އުޅޭކަން." ޝަމީމް ވިދާޅުވިއެވެ.
ޝަމީމު ވިދާޅުވީ ނައީމާ މަރާލުމުގައި އަހުޒަމް އަބްދުއް ޝުކޫރާއި އަބްދުލް ވާހިދު ފިރާސްވެސް އަމަލީގޮތުން ބައިވެރި ވެފައިވާތީ ދެ މީހުންގެ މައްޗަށްވެސް ދައުވާ ސާބިތު ކުރެވޭނެކަމަށް ޕީޖީ އޮފީހުން ގަބޫލު ކުރާކަމުގައެވެ.
ނައީމާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު ނައީމާ ޑިއުޓީއަށް ނުގޮސްގެން އަދި އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އެ ދުވަހު ހަވީރު އެ ގެއަށް ގޮސް ނައީމާ ދިރިއުޅޭ ގޭގެ ކޮޓަރީގެ ދޮރު ވައްޓާލައިގެން ބެލިއިރު އެވެ. ފުލުހުން ގެއަށް ވަންއިރު ނައީމާ އޮތީ ޒަހަމްތަކަކާ އެކު ތަޅުންގަނޑު މަތީގައި މަރުވެފަ އެވެ. އަދި ހަށިގަނޑުގައި ގިނަ އަދަދަކަށް ޒަހަމު ހުރި ކަމަށް އެނގިފައިވެއެވެ.
ޕޯސްޓްމޯޓަމް ހެދުމުގެ ބަދަލުގައި ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު ނައީމާގެ ހަށިގަނޑު މަނަދޫގައި ވަޅުލީ މިދިޔަ އޭޕްރީލް މަހުގެ އަށްވަނަ ދުވަހުއެވެ.