ނޭޓޯ އާއި ޔޫކްރޭންގެ އާ އެއްބާރުލުމުގެ ޕްރޮގްރާމް ރަޝިޔާއަށް ކަމުނުދާ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް މިއަދު ވިދާޅުވެއްޖެ އެވެ.

"ޔޫކްރޭނާ އެކު މުއާމަލާތްތައް ކުރިއަށް ގެންދިއުމަށް ނޭޓޯއިން ގަސްތުކުރާކަން ފުރިހަމައަށް ސާފު. މިއީ ރަޝިޔާއިން ނުރުހޭ ކަމެއް އަދި މިއީ ރަޝިޔާގެ ސަލާމަތާ މެދު ކަންބޮޑުވުން އޮތް ކަމެއް" ޕެސްކޯވް ވިދާޅުވި އެވެ.

ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަންގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބަރގް ނޮވެމްބަރު 29 ވަނަ ދުވަހު ނޭޓޯ-ޔޫކްރޭން ކައުންސިލްގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަށް ފަހު ވިދާޅުވީ އެ އިއްތިހާދާއި ކިއެވް އިން އަންނަ އަހަރަށް އެއްބާރުލުން ދިނުމުގެ ޕްރޮގްރާމެއް ފާސްކޮށްފައިވާ ކަމަށެވެ.

މި ބައްދަލުވުމަށްފަހު ކުރު ބަޔާނެއް ނޭޓޯއިން ނެރުނުއިރު، ކުރިއަށް އޮތްތަނުގައި ޔޫކްރޭނާއި ނޭޓޯއާ ދެމެދު އެއްބާރުލުން ދޭނެ ދާއިރާތައް ލިސްޓްކުރި ނަމަވެސް، ޔޫކްރޭނަށް އަސްކަރީ އެހީތެރިކަމާ ގުޅޭ އަމަލީ ނިންމާފައެއް ނުވެއެވެ.

ޔޫކްރައިނާ ދެކޮޅަށް ރަޝިޔާއިން ފެށި ހަނގުރާމައަށް 2 އަހަރުވާން ކައިރިވެފައިވާއިރު، ރަޝިޔާއިން ހަނގުރާމައިގައި ހާސިލް ކުރަން ބޭނުންވި ލަނޑުދަނޑިތައް ހާސިލް ކުރެވިފައެއް ނުވެއެވެ.