ހުޅުމާލޭގައި ހަދަމުން އަންނަ ކޭޕާކް ފްލެޓްތަކުގެ މައްސަލައިގައި އެ މަސައްކަތް ކުރާ ކޮރެއާގެ ހަންބޯ ޓެކް ކުންފުނީގެ ރާއްޖޭގެ އެޖެންޓްގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް 225 ދައވާ ކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ ހުސައން ޝަމީމް މިހެން ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިމައްސަލާގައި މިހާތަނަށް ލިބިފައި ހުރި ހެކިތަކަށް ބަލާއިރު 225 ދައުވާ މަންޑޭގެ މައްޗަށް ކުރެވޭނެ ކަމަށާއި މިމައްސަލައިގައި މަންޑޭގެ މައްޗަށް ހަތަރު ތުހުމަތެއް ކުރާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

އެއީ:

  • ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ
  • އޮޅުވާލުމުގެ ކުށުގެ ދައުވާ
  • ޓެކުމުގެ ކުށުގެ ދައުވާގެ އިތުރުން
  • މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ

ޝަމީމް ވިދާޅުވީ ކުރިއަށް ހަފްތާ ތެރޭގައި މަންޑޭގެ މައްސަލަތައް ކްރިމިނަލް ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

ޝަމީމް ވިދާޅުވީ މިމައްސަލާގައި މަންޑޭގެ މައްޗަށް ދައުވާ ކުރަނީ ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާތީ ކޮންމެ މީހެއްގެ ބައި ވަކިން ކަމަށެވެ. 41 އެޕާޓްމެންޓެއް 107 މީހަކަށް ވިއްކާފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

މަމްދޫހުއާ އިތުރު ބަޔަކު ބައިވެރިވެގެން ހަންބޯ ކޮމްޕެނީ މެޖޯރިޓީ ހިއްސާދާރުގެ ސޮއި ފޯޖު ކޮށްގެން ލިޔުންތަކެއް އުފައްދައިގެން ބީއެމްއެލްގަ އޮތް ހަންބޯ ކޮމްޕެނީގެ ބޭންކް އެކައުންޓެއް ހުޅުވާ އިންޓަނެޓް ބޭންކިން ބޭނުންކޮށް އެކައުންޓުގެ ފުރިހަމަ ކޮންޓްރޯލް ހޯދާ މަކަރާ ހީލަތުގެ ކަމެއް ކުރިކަމަށް ތުހުމަތު ކުރެވޭ." ޝަމީމް ވިދާޅުވި އެވެ.

ހުޅުމާލޭ ކޯޓުގެ އަމުރެއްގެ ދަށުން މަންޑޭގެ ހުޅުމާލޭ އެފްޑަބްލިޔު ރެސިޑެންސް އިން މަންޑޭ ގަނެފައިވާ ހަތް މިލިއަން ރުފިޔާގެ ޕެންޓް ހައުސް އާއި، އަގު ބޮޑު ގަހަނާ އާއި އަންނައުނާއި ބްރޭންޑެޑް އަތްދަބަސް ފަދަ ތަކެތީގެ އިތުރުން ލަގްޒަރީ އެތަކެއް ސާމާނު މީގެ ކުރިން ވަނީ ހިފަހައްޓާފަ އެވެ. އަސްލު އޮޅުވާލާފައިވާ ލިޔެކިޔުން ބޭނުންކޮށްގެން ހުޅުވާފައިވާ އެކައުންޓަކަށް، އެޕާޓްމެންޓު ވިއްކުމުގެ ނަމުގައި ޖަމާކުރި ފައިސާއިން ގަނެފައިވާ މުދަލެވެ.