ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯންގެ އިތުރުން އަނިލް ކަޕޫރު ލީޑް ރޯލުން ފެނިގެންދާނެ ފިލްމް "ފައިޓާ" ގެ ޓްރެއިލާ އަންނަ އަންގާރަ ދުވަހު އާންމުކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަންނަ ޖެނުއަރީ 25 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމަކީ އިންޑިއާގެ ވައިގެ އަސްކަރިއްޔާ އަށް ޓްރިބިއުޓެއްގެ ގޮތުގައި ގެނެސްދޭ ފިލްމެކެވެ. މި އަހަރުގެ އެންމެ ބޮޑު ހިޓްތަކުގެ ތެރޭގައި ހިމެނޭ ޝާހްރުކް ޚާނާއި ދީޕިކާ ޕަދްކޯންގެ "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދު ޑައިރެކްޓްކުރާ މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ކަރަން ސިންގް ގްރޯވާ، ސަންޖީދާ ޝެއިހް އަދި އަކްޝޭ އޮބެރޯއީ ވެސް ހިމެނެ އެވެ.

މި ފިލްމު ވެގެންދާނީ ރިތިކާއި ދީޕިކާގެ ޖޯޑު ސްކްރީނަށް އަންނަ ފުރަތަމަ ފިލްމަށެވެ.

ވަރުގަދަ ފެށުމަކުން ބޮލީވުޑްގައި ފަށައިދޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ "ފައިޓާ" އަކީ ސިދާތުގެ ކުންފުނި، މާފްލިކްސް ޕިކްޗާސް އާއި ވަޔަކޮމް 18 ގުޅިގެންް ހަދާ ފިލްމެކެވެ.