ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޔަނުކޮށްފިއެވެ.

ނަޝީދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ސީވީއެފުގެ ސެކްރެޓަނީ ޖެނެރަލްގެ މަގާމަށް އެ މަނިކުފާނު އައްޔަން ކުރުމުން ޝުކުރު އަދާކުރައްވައިފައެވެ. އަދި ސީވީއެފްގެ ރައީސް، ބާބޭޑޯސްގެ ބޮޑުވަޒީރު މިއާ އަމޯރް މޮޓްލޭއާއެކު ހަރުދަނާ މަސައްކަތްތަކެއް ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު ވަނީ މީގެ ކުރިން ސީވީއެފުގެ އެމްބިޝަން އެމްބެސެޑަރުކަމުގެ މަސައްކަތް ވެސް ކުރައްވައިފައެވެ.

ސީވީއެފްއަކީ ނަޝީދު އަދި ރާއްޖެއިން އިސްވެ 2009 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ މަގުސަދަކީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބޭ ގައުމުތަކުން ކޮޕް ފަދަ ބައިނަލްއަގުވާމީ ސްޓޭޖުތަކުގައި ގުޅިގެން މަސައްކަތް ކުރުމެވެ. އެ ޖަމިއްޔާގެ އެންމެ ފުރަތަމަ ބައްދަލުން ބާއްވާފައިވަނީ 2009 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެއިރު އެ ޖަމިއްޔާގައި މެމްބަރު ގައުމުތަކުގެ އަދަދަކީ 10 އެވެ.

މިހާރު ސީވީއެފުގެ މެމްބަރު ގައުމުތަކުގެ އަދަދަކީ 58 އެވެ. އެ ޖަމިއްޔާގެ މެމްބަރު ގައުމުތަކުގެ ތެރޭގައި އޭޝިޔާ، އެފްރިކާ، ކެރީބިއަން، ލެޓިފް އެމެރިކާ އަދި ޕެސިފިކް ސަރަހައްދުގެ ގައުމުތައް ހިމެނެއެވެ.