ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު ރާއްޖޭގެ ތަރައްގީއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި ޕްރޮގްރެސިވް ކޮންގްރެސް ކޮލިޝަނާއި އެންމެހާ މެންބަރުން އެމަނިކުފާނާ އެކު ސާބިތުވެ ތިބޭނެ ކަމުގެ ޔަޤީންކަން އެ ކޯލިޝަނުން ދެއްވައިފިއެވެ.
އެ ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތުރުކީ އަދި އދ. ގެ ކޮޕް28 ކޮންފަރަންސްގައި ބައިވެރިވެވޑައިގަތުމަށް ކުރެއްވި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއް ކަަމަށެވެ. އެއީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު ކުރެއްވި ރަސްމީ ފުރުތަމަ ދަތުރުފުޅެވެ. އެދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލެއްވި ކަމަށްޓަކައި މާތްﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދުކޮށް އެމަނިކުފާނަށް ވަރަށް އިޚުލާސްތެރިކަމާއެކު އެކޯލިޝަންގެ ލީޑަރޝިޕާއި ސެނެޓް އަދި ކޯލިޝަންގެ އެންމެހާ މެންބަރުންގެ ފަރާތުން ވަނީ މަރުޙަބާ ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު ވެރިކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއްގެ ގޮތުގައި ވަޑައިގެންފައިވަނީ ތުރުކީ ވިލާތް އަދި އދ. ގެ ކޮޕް28 ކޮންފަރަންސްގައި ބައިވެރިވެވޑައިގަތުމަށް ޔުނައިޓަޑް ޢެރެބް އެމިރޭޓްސްގެ ދުބާއީއަށެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ތުރުކީ އަދި ތަފާތު އެކި ޤައުމުތަކުގެ އެންމެ އިސް ވެރިންނާއި ބައްދަލުކުރައްވާ އެޤައުމުތަކާއި ރާއްޖެއާއި ދެމެދު އޮތް ގުޅުންތައް އިތުރަށް ވަރުގަދަ ކުރެއްވުމުގެ މަޝްވަރާތައް ވަރަށް ކާމިޔާބުކަމާއެކު ކުރައްވާފައި ކަމަށް ކޯލިޝަނުން ވަނީ ބުނެފައެވެ. ތުރުކީ ވިލާތުގެ ވެރިންނާއި، ކޮޕް28 ކޮންފަރަންސްގެ ޙަވާސާގައި ތަފާތު އެކި ޤައުމުތަކުގެ ވެރިންނާއި ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ދިވެހި ރައްޔިތުން ދިވެހިރާއްޖެއަށް ބޭނުންވާ ތަރައްޤީގެ ތަފާތު މަޝްރޫޢުތައް ހިންގެވުމުގައި އެޤައުމުތަކުގެ އެހީތެރިކަން ހޯއްދެވުމުގެ މަޝްވަރާތައްވެސް ވަނީ ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންދަވާފައި ކަމަށް އެކޯލިޝަންގެ ބަޔާނުގައި ވެއެވެ.
"އަޅުގަނޑުމެން އެދެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ރާއްޖެއަށް ދިވެހީން ބޭނުންވާ ތަރައްޤީ ހޯއްދެވުމުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ކާމިޔާބު މަސައްކަތްޕުޅުތަކެއް ކަމުގައި ވެގެން ދިއުމެވެ."