އެމެރިކާގެ ރައީސް ޖޯ ބައިޑެން ވައިޓްހައުސްގެ ޑޮކްޓަރުގެ މަގާމުގައި ހުންނެވި ޑރ. ޝޯން ކޯންލީ މަގާމުން ވަކިކުރައްވައި، އެމަގާމަށް އެހެން ޑޮކްޓަރަކު އައްޔަން ކުރައްވައިފިއެވެ.

ވައިޓްހައުސްގެ ޑޮކްޓަރުގެ މަގާމުން ވަކިކުރެއްވި ޑރ. ޝޯން ކޯންލީއަކީ އެމެރިކާގައި ބޮޑެތި ޚިޔާލު ތަފާތުވުންތައް އުފެދިފައިވާ ޑޮކްޓަރެކެވެ.

އެއީ، އެމެރިކާގެ ރައީސްކަމުގައި ހުންނެވި ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން، އެކަމާ ގުޅޭގޮތުން އާންމުންނަށް އޮޅުންއަރާފަދަ ނުވަތަ ނުބައި މައުލޫމާތު ހިއްސާކުރެއްވި މައްސަލާގައެވެ.

ވައިޓްހައުސްގެ އޮފިޝަލަކު ވިދާޅުވީ، ވައިޓްހައުސްގެ އާ ޑޮކްޓަރަކަށް އައްޔަން ކުރައްވަން ރައީސް ބައިޑެން ނިންމަވާފައިވަނީ ޑރ. ކެވިން އޯކޮނަރ ކަމަށެވެ. ޑރ. ކެވިން އޯކޮނަރއަކީ ބައިޑެންގެ ޕާރސަނަލް ޑޮކްޓަރެވެ.

އެމެރިކާގެ ރައީސްކަމަށް ވަޑައިގަންނަވާ ބޭފުޅުން ވައިޓްހައުސްގެ ޑޮކްޓަރަކަށް އެ ބޭފުޅުންގެ ޕާރސަނަލް ޑޮކްޓަރުން އައްޔަން ކުރެއްވުމަކީ ކުރިންވެސް ކުރައްވާ ކަމެކެވެ.

އެހެން ނަމަވެސް، ބައިޑެންގެ ކުރިން ވެރިކަން ކުރެއްވި ދެ ރައީސުންގެ ދައުރުގައިވެސް ވައިޓްހައުސްގެ ޑޮކްޓަރުގެ ގޮތުގައި ހުންނެވީ ޑރ. ޝޯން ކޯންލީއެވެ.

ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 އަށް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނިކޮށް، ޓްރަމްޕްގެ ހާލުކޮޅާ ގުޅޭގޮތުން ތެދުނޫން މައުލޫމާތު ދެއްވިކަމަށް ޑރ. ޝޯން ކޯންލީ ފަހުން އިއުތިރާފްވުމުން މައްސަލަ ވަރަށް ހޫނުވެގެންދިޔައެވެ. އެގޮތަށް އާންމުންނަށް މައުލޫމާތު ދެއްވީ ވައިޓްހައުސްއިން ބޭނުންވެގެން ކަމަށް ޑރ. ޝޯން ވިދާޅުވިއެވެ.

އެހެން ނަމަވެސް، ހަގީގަތަކީ، ކޮވިޑްގެ ސަބަބުން ޓްރަމްޕްގެ ހާލުކޮޅު ވަރަށް ގޯސްވެގެން ދިޔަ ކަމަށާއި، ނޭވާފުޅު ކުރުވެ، އޮކްސިޖަން ދޭން ޖެހުން ކަމަށް ޑޮކްޓަރު ފަހުން ވިދާޅުވެފައި ވެއެވެ.

ވައިޓްހައުސްގެ އާ ޑޮކްޓަރުގެ މަގާމަށް އައްޔަން ކުރެވުނު ޑރ. ކެވިން އޯކޮނަރ، ޖޯ ބައިޑެންއާއެކު މަސައްކަތް ކުރައްވާތާ ވަރަށް ގިނަ ދުވަސްވެއްޖެއެވެ. އެމެރިކާގެ ނައިބް ރައީސްކަމުގެ ދެދައުރު ޖޯ ބައިޑެން ފުރިހަމަ ކުރެއްވިއިރުވެސް ބައިޑެންގެ ޕާރސަނަލް ޑޮކްޓަރަކަށް ހުންނެވީ ޑރ. ކެވިން އޯކޮނަރއެވެ.

ޑރ. ކެވިން އޯކޮނަރއަކީ ސިފައިންގެ ރިޓަޔާރޑް ކާނަލްއެކެވެ.

އެމެރިކާގެ ރައީސްކަމަް ޖޯ ބައިޑެން ކުރިމަތިލެއްވުމުން ބައިޑެންގެ ސިއްހީ ހާލުކޮޅާ ގުޅޭގޮތުން ޑރ. ކެވިން ރިޕޯޓެއް ނެރުއްވިއެވެ. އެ ރިޕޯޓްގައި ބުނެފައިވަނީ، ބައިޑެން ހުންނެވީ ސިއްހީގޮތުން ދުޅަހެޔޮކޮށް ވަރުގަދަކޮށް ކަމަށެވެ.

މި ޖެނުއަރީމަހުގެ 20 ވަނަ ދުވަހު ޖޯ ބައިޑެން އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރެއްވިއިރު، ބައިޑެން ވެވަޑައިގެންނެވީ އެމެރިކާގެ ތާރީޚްގައިވެސް ރައީސްކަމަށް އަލަށް އިންތިޚާބު ކުރެވުނު، އުމުރުފުޅުން އެންމެދޮށީ ރައީސަށެވެ.