ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ކުރާ ހޭދަ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވަން އެމަނިކުފާނު ނިންމަވައިފިއެވެ.

މިކަން ހާމަ ކޮށްފައި ވަނީ ރައީސް އޮފީހުގެ މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

މި ޕޯސްޓުގައި ބުނީ ރައީސްގެ ރަސްމީ ދަތުރުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ޚަރަދުތަކުގެ މަޢުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާކަމަށެވެ.

ރައިސް މިހެން މި ނިންމެވީ، އެމަނިކުފާނު ރައީސްކަމުގެ ހުވާކުރެއްވިތާ ކުޑަ ދުވަސްކޮޅެއްގެތެރޭގައި ދައުލަތުން ޚަރަދުކޮށްގެން ގިނަ ދަތުރުތަކެއް ކުރާކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑު ކިޔަމުން ދަނިކޮށެވެ. އެގޮތުން ވެރިކަމުގެ އެންމެ ކުރީކޮޅު ތުރުކީ ވިލާތަށާއި، ޔޫއޭއީއަށް ރައީސް ވަނީ ދަތުރު ކުރައްވާފައެވެ.

ރައީސްގެ ރަސްމީ ދަތުރުފުޅުތަކުގެ ޚަރަދު ޢާންމު ކުރަން ނިންމެވުމަކީ ރަނގަޅު ނިންމެވުމެއްކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ރައީސުންގެ ދަތުރުފުޅުތަކުގެ މަޢުލޫމާތު ހޯދުމަށް މަޢުލުމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން ނޫސްވެރިން ރައީސް އޮފީހަށް ހުށައަޅައެވެ. ކުރީ ސަރުކާރުގައި ރައީސްގެ ދަތުރުތަކަށް ގިނަ ޚަރަދުތަކެއް ކުރައްވާފައިވެއެވެ.