ހެދިބޮޑުވުމުގައި ކުދިންގެ ޖިސްމާނީ ދުޅަހެޔޮކަމާއި ނަފްސާނީ ދުޅަހެޔޮކަމުގައިވެސް ކުޅިވަރު މުހިންމު ދައުރެއް އަދާކުރާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ސާޖިދާ މިހެން ވިދާޅުވީ، އިއްޔެ ހަވީރު ހެންވޭރު ފުޓްބޯޅަ ދަނޑުގައި ބޭއްވި ނެސްލޭ ކިޑްސް ނެޓްބޯލް ފެސްޓް 2023 ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުދިންގެ ހެދިބޮޑުވުމުގައި ކުޅިވަރަކީ ކުދިންގެ ޖިސްމާނީ ދުޅަހެޔޮކަމާއި ނަފްސާނީ ދުޅަހެޔޮކަމުގައިވެސް މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަން ފާހަގަކުރައްވައި ފަސްޓްލޭޑީ ސާޖިދާ ވިދާޅުވީ ކިޔެވުމެކޭ އެއްވަރަށް ކުޅިވަރުގައިވެސް ކުދިން ކުރިއަށްގެންދިއުމަކީ އެހާމެ މުހިންމުކަމެއް ކަމުގައެވެ.

މީގެ އިތުރުން، ކުޅިވަރަކީ ހަމައެކަނި ވަނަ ހޯދުމަށް ކުރާކަމެއް ނޫންކަމަށާއި، އޭގެ އިތުރުން ކަސްރަތެއްގެ ގޮތުގައިވެސް ބަލައިގެން ކުރިއަށް ދިއުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންއާ ގުޅިގެން ފިއޮންޓި ސްޕޯޓްސް އެކަޑަމީން އިންތިޒާމުކޮށްގެން ބޭއްވި މި ފިއެސްޓާ ކުރިއަށްގެންގޮސްފައިވަނީ 2023 ނޮވެންބަރު 30އިން 2023 ޑިސެންބަރު 2 އަށެވެ. މާލޭގެ ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި އެކި ސްކޫލުތަކުން ޖުމްލަ ހާހަކަށްވުރެ ގިނަ ކުދިން ބައިވެރިވިއެވެ.

ސާޖިދާ ވަނީ މި މުބާރާތުގެ ފައިނަލް މެޗްތައް ބައްލަވާލައްވާފައެވެ. އަދި މުބާރާތުގެ ޗެމްޕިއަން ޓީމަށް މެޑަލް ހަވާލުކޮށްދެއްވީވެސް ފަސްޓްލޭޑީ ސާޖިދާއެވެ.