ރާއްޖެއާއި ތުރުކީއާ ދެމެދު ވިޔަފާރި ދެގުނައަށް ބޮޑުކުރާއިރު، މަހުގެ ބާވަތްތައް ރާއްޖެއިން ތުރުކީއަށް އެކްސްޕޯޓް ކުރުމަށް އޮންނަ ޓެރިފް ވަރަށް ބޮޑަށް ކުޑަވެގެންދާނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިިދާޅުވީ އެއީ މަސްވެރިކަމުގެ ސިނާއަތަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު މިހެން ވިދާޅުވެފައިވަނީ ތުރުކީވިލާތަށާއި، ޔޫއޭއީގައި އޮތް ކޮޕް 28 ސަމިޓް ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގަތުމަށްފަހު ނޫސްވެރިންނާ މައުލޫމާތު ދެއްވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ތުރުކީއާއެކު ވިޔަފާރީގެ އެެއްބަސްވުމަކަށް ދިޔައީ އޭގައި ގިނަ ފައިދާތަކެއް ރާއްޖެއަށް ލިބޭނެ ގޮތް އޮތުމުން ކަމަށެވެ. މިއަހަރު ވިޔަފާރި އެންމެ މަދުވެގެން ވެސް ދެގުނަ އިތުރު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައި ކަމަށް ރައީސް ވަނީ ހާމަކުރައްވާފައެވެ. އޭގެ ތެރެއިންވެސް ހާއްސަކޮށް ފާހަގަކުރެއްވި ކަމަކީ މަހުގެ ބާވަތްތައް ތުރުކީއަށް އެކްސްޕޯޓުކުރުމުގައި ވަރަށް ބޮޑު ޓެރިފެއް ނެގުމެވެ.

"މަހުގެ ބާވަތްތައް ވިޔަފާރި ވަރަށް ފުޅާކުރާ ގޮތަށް، މިނިމަމް ޑަބަލް ކުރާ ގޮތަށް މިއަހަރު، އެންމެ މަދުވެގެން ދެގުނަ، އޭގެ ތެރެއިންވެސް ވަރަށް ހާއްސަކަމެއްގެ ގޮތުގައި ފާހަގަކޮށްލަން މަހުގެ އެސްކްޕޯޓް ރާއްޖެއިން ތުރުކީއަށް ކުރެވޭނެ ގޮތެއް، މިހާރު ވަރަށް ބޮޑު ޓެރިފައި އެއް މި އޮންނަނީ، ވަރަށް ޕޮޒިޓިވްކޮށް އެކަން އޮތީ ބަލައިގެންފައި، ރާއްޖެއަށް ހާއްސަ އެކްސެޕްޝަނެއް އޭގަ ދެވޭނެ ގޮތެއް، ރާއްޖެއަށް ވަރަށް ކުޑަ ޓެރިފަކާ ހަމައަށް ކުޑަކުރެވޭނެ ގޮތެއް މި ބަލައި އެކަމަށް އެއްބަސްވެވޭނެ ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތްތައް މިހާރު ވަނީ ފެށިފަ، އެކަން ވެގެން ދާނެ ވަރަށް ބޮޑު ކުރިއެރުމަކަށް ރާއްޖޭގެ މަސްވެރިކަމުގެ އިންޑަސްޓްރީއަށް ލިބިގެންދާ، އެހެންވީމަ އެއީ ހާއްސަކޮށް ފާހަގަކޮށްލާ ކަމެއް،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް އެކިއެކި، އެކި ބާވަތްތަކުގެ ވިޔަފާރީގެ ފުރުސަތުތައް އޭގެ ތެރޭގައި ކޮންސްޓްރަކްޝަން ދާއިރާވެސް އެކި ދާއިރާތަކަށް ވަރަށް ބޮޑަށް ހުޅުވާލާ ގޮތަށް ވަނީ ހަމަޖެހިފައި ކަމަށް ރައީސް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ،.

އެއްވެސް ފައިނޭންސިންގ އެއް ސެކިއޯ ކުރެވިފައި ވޭތޯ ކޮށްލި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ އެމަނިކުފާނު ޓާގެޓް ކުރެއްވީ ބަޖެޓް ސަޕޯޓް ހޯދުމުގެ ވިސްނުންފުޅަކު ނޫންކަމަށެވެ. އަދި "އިމީޑިއަޓްލީ" މިއަދު މާދަމާ ބޭނުންވާ ބަޖެޓްސަޕޯޓަކަށް ވެސް ޓާގެޓް ނުކުރައްވާ ކަމަށެވެ.

އޭގެ ބަދަލުގައި އެމަނިކުފާނު އަމާޒު ކުރައްވައި ބެއްލެވި ގޮތަކީ ރާއްޖެއަށް މެދުރާސްތާއަށް އަދި ދުރުރާސްތާއަށް ގައުމުގެ އިގްތިސާދު ބައްޓަން ކޮށް ހަރުދަނާކުރުމުގެ ޕްރޮގްރާމްތަކެއް ހިންގޭނެ ގޮތުގެ މައްޗަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ދެމެހެއްޓެނިވި އިއާދަކުރުމުގެ ރިނިއުބަލް އެނަރޖީގެ ދާއިރާއިންނާއި އެކިކަހަލަ އިންވެސްޓްމަންޓްތަކުންނާއި އެސްއީޒެޑްގެ ފުރުސަތުތަކާއި ވިޔަފާރި ފުޅާކުރުމާއި މިފަދަ ކަންތައްތަކުގެ ތެރެއިން ކުރިއަށް އޮތް ދުވަސްތަކަށް މާބޮޑުތަނުން ފުޅާވެގެންދާނެ، ދެން ބަޖެޓް ސަޕޯޓްކަންތަކުގައިވެސް އެކިއެކި ބައެއް ފުރުސަތުތައް ހޯދަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.