އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ހިޔާ ޓަވަރުގެ ސެކިއުރިޓީ ބަލަހައްޓާ އާބަންކޯ މުވައްޒަފުންނަށް ފަޔަރ އެވެއާނަސް ޕްރޮގްރާމެއް ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ހިޔާ ޓަވަރުތަކުގެ ސެކިއުރިޓީންގެ ގޮތުގައި އާބަންކޯގައި މަސައްކަތްކުރާ 86 މުވައްޒަފުން ބައިވެރިވާ މި ޕްރޮގްރާމުގައި އަލިފާނުގެ ނުރައްކާތެރި ހާދިސާތަކުގައި ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ޕްރޮގްރާމްގެ ބައިވެރިން ހޭލުންތެރިކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ.

އާބަންކޯ ހެޑްއޮފީސް އަދި ފަރުކޮޅުފުށީގައި ޑިސެންބަރު 3 އިން 6 އަށް ކުލާސްތައް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ކިޔައިދޭ ބައިތަކުގެ ތެރޭގައި، އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެ ހާލަތެއްގައި އަމަލުކުރަންޖެހޭނެ ގޮތްތަކާއި، އެފަދަ ހާދިސާތަކުގައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅާނޭ ގޮތާއި، އަލިފާން ރޯވަން މެދުވެރިވާ ސަބަބުތައް ހިމެނެއެވެ.

އަދި، އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އާލާތްތަކާ ބެހޭގޮތުން މައުލޫމާތު ދީ، އެ ތަކެތި އަމަލީގޮތުން ބޭނުންކުރާނޭ ގޮތްތައް ދަސްކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން އެމްއެންޑީއެފުން ބުނީ ހިޔާ ޓަވަރުތަކުގައި ހަރުކުރެވިފައިވާ އަލިފާންނިވާ ނިޒާމްތަކަށް އަހުލުވެރިކޮށް، ހިޔާ ޓަވަރުގައި ނުރައްކާތެރި ހާދިސާއެއް ހިނގައިގެން ޓަވަރުން މީހުން އިވެކުއޭޓް ކުރަންޖެހޭ ހާލަތްތަކުގައި ޢަމަލުކުރާނޭގޮތްތައް ކިޔައިދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ.

މި ޕްރޮގްރާމްގައި ކިޔަވައިދެނީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ފަޔަރ ކޮމްޕޯނަންޓްގެ ފަޔަރ ފައިޓަރުންނެވެ.