ރަތް ކަނޑުން ދަތުރު ކުރި އިޒްރޭލުގެ ކާގޯ 2 ބޯޓަކަށް ޔަމަނުގެ ހޫތީން ހަމަލާދީ އެކަން އިއުލާން ކޮށްފިއެވެ.

ހޫތީން ހާމަކޮށްފައިވާ ގޮތުގައި އިޒްރޭލުގެ ކާގޯ ދެބޯޓަށް ހަމަލާ ދިނީ ޑްރޯނާއި މިސައިލުންނެވެ. މިހަމަލާގެ ސަބަބުން ދެބޯޓަށް ލިބުނު ގެއްލުން ހޫތީން އަދި ބޯޓް ދުއްވާ ކުންފުނިންވެސް މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ.

އިނގިރޭސި މެރިޓައިމް ސެކިއުރިޓީ ކުންފުނި "އެމްބްރޭ" އިން ހާމަ ކޮށްފައިވާ ގޮތުގައި ބަލްކް ކެރިއާ ބޯޓެއް ރަތް ކަނޑުގައި ދަތުރުކުރަމުން ދަނިކޮށް މަދުވެގެން ދެ ޑްރޯނުން ވަނީ އެބޯޓަށް ހަމަލާ ދީފައެވެ. އަދި ޔަމަނުގެ އުތުރުގެ ބަނދަރު "ހުދައިދާ" ގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 101 ކިލޯމީޓަރު (63 މޭލު) ދުރުން ދަތުރު ކުރި އިޒްރޭލުގެ ކާގޯ ބޯޓަކަށް ޑްރޯން ހަމަލާތަކެއް ވަނީ އަމާޒުވެފައެވެ.

ޔަމަނުގެ ހޫތީން ވަނީ މީގެ ދެހަފްތާއެއްހައި ދުވަސް ކުރިން އިޒްރޭލުގެ ކާގޯ ބޯޓެއް ރަތްކަނޑުން އަތުލައިގަނެ އެބޯޓް ޔަމަނަށް ގެންގޮސްފައެވެ. މިބޯޓުގައި ހުރި ތަކެތީގެ ތެރޭގައި ފަލަސްތީނުގެ ސަހްޔޫނީ ޓެރިސްޓް ސިފައިންގެ ވެހިކަލްތަކެއް ހިމެނެއެވެ.