ފަލަސްތީނާ ދެކޮޅަށް އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ސަހްޔޫނީ އިޒްރޭލުން ހިންގަމުން އަންނަ ޤަތުލް އާންމުގައި މިހާތަނަށް ޣައްޒާއިން އެކަނި 6،600 އަށް ވުރެ ގިނަ ކުދިން ޝަހީދު ކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ސަރުކާރުން ބުނެފިއެވެ.

މީގެ އިތުރުން މެދުކެނޑުމެއް ނެތި ޣައްޒާއަށް ބޮން އަޅަމުން ދިޔުމުގެ ސަބަބުން އިމާރާތްތަކުގެ ދަށުވެފައި އެތައް ސަތޭކަ ކުޑަކުދިން ތިބޭނެ ކަމަށް ފަލަސްތީނުގެ ސަރުކާރުން ބުނެއެވެ.

ފަލަސްތީނުގެ ހުރިހާ ސަރަހައްދަކަށް އިޒްރޭލުގެ ޓެރަރިސްޓް އަސްކަރިއްޔާއިން ވަދެ ޢުދުވާންތައް ހިންގަމުން އަންނަނައިރު ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް 700 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށް އަލްޖަޒީރާއިން ބުނެއެވެ.

އިޒްރޭލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ޤަތުލް އާންމު ހިންގަމުން އަންނައިރު މިހާތަނަށް 15،200 މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހާމަ ކުރައްވައެވެ. އިޒްރޭލުގެ އަނިޔާވެރިކަން ހައްދުފަހަނައަޅާފައިވާއިރު، އިޒްރޭލު ހުއްޓުވުމުގައި ޢަރަބި އިސްލާމީ ޤައުމު ތަކާއި އދ. އޮތީ ނުކުޅެދިފައެވެ.