މާލޭ މަގުމަތިން ބުޅަލަކަށް ވަޅިން ހަމާދިން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް އިތުރު ކޮށްފިވެ.

ބުޅަލަކަށް ވަޅިން ހަމަލަދީ މަރާލި މައްސަލައިގައި މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ހައްޔަރުކުރީ މ. ކޮޅުފުށި، ޖަވާހިރުވާދީ، އަހްމަދު ނަސީމް 45، އެވެ. ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ފުރަތަމަ މުއްދަތަކަށް ވަނީ 15 ދުވަސް ޖަހާފައެވެ.

ފުލުހުން ބުނީ ނަސީމް، ބަންދުގައި ބެހެއްޓުމަށް ކޯޓުން ކުރި އަމުރުގެ މުއްދަތު ހަމަވުމާ ގުޅުވައިގެން އަލުން ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 10 ދުވަސް އިތުރު ކޮށްދީފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމު ވި ވީޑިޔޯއަކުން، މާލޭގެ އަމީރު އަހްމަދު މަގާއި ކަސްތޫރި މަގު ގުޅޭ ކަންމަތީގައި ހުންނަ ފިހާރައެއް ކައިރީ ކާން އޮތް ބުޅަލަކަށް އެ މީހާ ހަމަލާ ދޭ މަންޒަރު ފެނެއެވެ. ވީޑިޔޯއުން ފެންނަ ގޮތުގައި ދުވާރުމަތީގައި އޮތް ބުޅަލަކާ އެމީހާ ގާތްވެ، އެ ބުޅަލުގެ ކައިރިއަށް މަޑުކޮށްލާފައި ޖީބުން ވަޅިއެއް ނަގައި ބުޅަލުގެ ބަނޑަށް ހަރާލަނީ އެވެ.

ބުޅާ މަރައިލި މައްސަލައިގައި ގިނަ ބައެއްގެ ނުރުހުން އެމީހާއަށް ދަނީ އަމާޒުވަމުންނެވެ.