ބޯހިޔާވަހިކަން ނުވަތަ ގެދޮރު ބޭނުންވާ މީހުންގެ ވެއިޓިން ލިސްޓެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެކަން ހާމަކުރައްވާފައި ވަނީ ނިމިދިޔަ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓް ބާތިލް ނުކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނަކާ ގުޅޭ ގޮތުން ޕެޓިޝަން ކޮމެޓީ އިން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރުގެ ވާހަކަ ފައްޓަވަމުން ވިދާޅުވެފައި ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު މީހުންގެ ލިސްޓަށް 7000 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް އޮތީ ރައްޔިތުންނަށް ދިރިއުޅެވޭނެ ފަހު މާހައުލެއް ގާއިމްކޮށްދިނުން ކަމަށެވެ.

އެހެންކަމުން، ގާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ވެސް ގެނެސްގެން ވިޔަސް، ގެދޮރަށް ބޭނުން ޖެހިފައިވާ މީހުންގެ ލިސްޓެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން އަންނަ މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގެންގުޅޭނަން ގެދޮރު ބޭނުންވާ މީހުންގެ ވެއިޓިން ލިސްޓެއް. އެހެންވީމަ އެ ލިސްޓު އަޕްޑޭޓް ކުރަމުން ދާނީ އެ ބައެއްގެ ހާލަތު ބަދަލުވާ ގޮތުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިފަދަ ލިސްޓެއް އެކުލަވާލުމުން، ކޮންމެ ފަހަރަކު ވަކި މަޝްރޫއަކަށް ކުރިމަތިލާން ހުޅުވާލައި، ހޮވޭ މީހުންނަށް ފްލެޓާއި ގޯތި ދިނުން ނިމުމަކަށް އައިސް، ބޭނުން ޖެހިފައި ތިބި މީހުންނަށް ސަރުކާރުން އަމިއްލައަށް ގެދޮރު ދެވިގެންދާނެ ކަމަށް ހައިދަރު ވިދާޅުވި އެވެ.

"ކޮންމެ ފަހަރަކު އެޕްލައިކޮށްގެން އެ ލިސްޓަކަށް ހޮވޭ ބަޔަކަށް ޕޮއިންޓް ދީގެން (ގެދޮރު) ދިނުމުގަ ބަދަލުގަ، އަޅުގަނޑުމެންނަށް މުޅި ސިސްޓަމްގެ ތެރެއިން ކޮބައިކަން ރައްޔިތުންނަށް އެންމެ ބޮޑަށް ބޯހިޔާވަހިކަން ހޯދައިދޭންވީ ބަޔަކީ، އައިޑެންޓިފައި ކޮށްގެން ލިބޭނެ ގޮތަށް ކަންތައްތައް ހަމަޖައްސަން (މަސައްކަތް ކުރަނީ)،" ޑރ. ހައިދަރު ވިދާޅުވި އެވެ.

މި މަސައްކަތް ތަރައްގީވަމުން އަންނަ ވަރަކަށް ތަފްސީލުތައް ހާމަކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ އަކީ ކޮންމެ ސަރުކާރެއްގައި ވެސް އާންމުންގެ އެންމެ ބޮޑު ފާޑުކިޔުން އަމާޒުވާ އެއް މައްސަލަ އެވެ. މިކަމަށް ހައްލެއް ހޯދުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. މިނިސްޓަރު މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި ވެސް ވަނީ އެކަން ތަކުރާރު ކުރައްވާފަ އެވެ.