އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށްލައި އެއްލާލާފައި އޮތް ތުއްތު ކުއްޖާގެ މަންމަ، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ސްރީލަންކާއަށް ނިސްބަތްވާ އަންހެނެކެވެ. އެއީ އުމުރުން 30 އަހަރުގެ އަންހެނެކެވެ. މި އަންހެންމީހާ ހައްޔަރުކުރީ، ދިގުރަށުން ފުރައިގެން އައިސް ވެލާނާ އިންޓަނޭނަޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ލަންކާއަށް ފުރަން ގޮސް ހުއްޓައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވިހެއުމަށްފަހު އެއްލާލާފައި އޮތް ކުއްޖާގެ މަންމަ އަކީ ދިގުރަށު ގެސްޓްހައުސްއެއްގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. އުމުރުން 30 އަހަރުގެ މި އަންހެން މީހާ އެތަނުގައި މަސައްކަތް ކުރަން ފެށީ މީގެ ހަތްވަރަކަށް މަސްކުރިންނެވެ.

މިކަން ހިނގައިދިޔަ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އިއްޔެ ހެނދުނު 9:20 ހާއިރުއެވެ.

މިމައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް މިހާރު ދަނީ ދިގުރަށުގައި ހަރަކާތްތެރިވަމުންނެވެ.

ކުނިގޮނޑަށް ކުއްޖާ އެއްލާލާފައި އޮއްވާ ފެނުމުން އެތަނަށް ސިއްހީމަރުކަޒުން ޑޮކްޓަރުންނާއި ކައުންސިލު މީހުން އައިސް ޗެކްކުރިއިރުވެސް ކުއްޖާގެ ފުރާނައެއް ނެތެވެ. ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައީ އޭގެ ފަހުންނެވެ.