100 މިލިއަން މީހުންނަށް ކޮވިޑް ޖެހިއްޖެ!ކޮވިޑް19 ގެ ތަފާސްހިސާބުތައް ބަލަހައްޓަމުންދާ "ވަރލްޑޮމީޓަރސް" ވެބްސައިޓުން ފެންނަ ގޮތުގައި، މިއަދާ ހަމައަށް 100 މިލިއަން މީހުނަށް ކޮވިޑް19 ޖެހިފައިވެއެވެ. އަދި 2.1 މިލިއަން މީހުން ވަނީ އެބަލީގެ ޝިކާރައަށްވެ މަރުވެފައެވެ.

"ކޮރޯނާވައިރަސް" ގެ ނަމުން އާންމުވެފައިވާ، "ސާސް-ކޮވް2" ވައިރަހަކީ އެންމެ ފުރަތަމަ ޗައިނާއިން ފާޅުވި ޖަރާސީމެކެވެ. އަދި އެއަށް ފުރަތަމަ ދިން ނަމަކީ "2019 ނޮވެލް ކޮރޯނާ ވައިރަސް (2019-nCoV)" އެވެ. ނަމަވެސް، ބަލިތަކަށް ނަން ކަނޑައަޅާ ބައިނަލް އަގުވާމީ ރަސްމީ އިދާރާއިން އޭގެ ނަންވަނީ "ސިވިއަރ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2" އަށް ބަދަލުކޮށްފައެވެ. ކުރުކޮށް ކިޔަނީ "ސާސް-ކޮވް-2" ކެވެ. އެ ނަން ދީފައިވާ ސަބަބަކީ މިބަލި ޖައްސާ ވައިރަހުގެ ޑީއެންއޭ އަކީ 2002ވަނަ އަހަރު ދުނިޔޭގައި ފެތުރުނު "ސާޒް" ރޯގާ ފެތުރުމަށް މެދުވެރިވި "ސާސް-ކޮވް" ވައިހުގެ ޑީއެންއޭ އާ ދާދި އެއްގޮތް އެއްޗަކަށް ވިއަތީއެވެ.

ކޮވިޑް19 ފެތުރެމުންދާ ގޮތުގެ ތަފާސްހިސާބަށް ބަލާއިރު، މުޅި ދުނިޔޭގައި ކޮންމެ ދުވަހު ބަލިޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް މައްޗަށް އަރަމުން ގޮސްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. މި ޖެނުއަރީ މަހުގެ އަށްވަނަ ދުވަސް ވެގެން ދިޔައީ މިހާތަނަށް އެންމެ ގިނަ މީހުނަށް އަލަށް ބަލިޖެހުނު ދުވަހަށެވެ. އެދުވަހު އެކަނި އަށްލައްކަ އަށްވުރެ މީހުންނަށް މުޅިން އަލަށް ބަލިޖެހުނެއެވެ.

ހަމައެކަނި އެމެރިކާއަށް ބަލާލިޔަސް، ކޮވިޑް19 އަދިވެސް ދަނީ ވަރަށް ބާރުލާފައި ފެތުރެމުންނެވެ. މިހާތަނަށް އެގައުމުގައި ގާތްގަނޑަކަށް 25 މިލިއަން މީހުނަށް މި ބަލިވަނީ ޖެހިފައެވެ. އަދި ހަތަރު ލައްކައަށް ވުރެ ގިނަ މީހުން މިބަލީގެ ސަބަބުން މަރުވެފައެވެ. މިއީ މުޅި ދުނިޔޭގައިވެސް އެއް ގައުމެއްގައިވާ އެންމެ ބޮޑު ދެ އަދަދެވެ.

ދެވަނައަށް އެންމެ ގިނައީ އިންޑިއާގައެވެ. އެގައުމުގައި 10 މިލިއަން މީހުންނަށް ކޮވިޑް19ގެ ބަލި ޖެހިފައިވާ އިރު، ދޮޅުލައްކައަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި ތިންވަނައަށް އެންމެ ގިނައީ ބްރެޒިލްގައެވެ. އެއީ ނުވަ މިލިއަން މީހުންނަށް ބަލި ޖެހި، ދެ ލައްކަ މީހުން މަރުވެގެންނެވެ.

ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ WHO އިން ބުނާ ގޮތުގައި ކޮވިޑް19 ކޮންޓްރޯލު ކުރެވޭނީ ވެކްސިންޖަހައިގެންނެވެ. މިހާތަނަށް 50 ގައުމަކުން ވެކްސިން ޖަހަން ފަށައިފިއެވެ. ނަމަވެސް އޭގެ ތެރޭގައި ހިމެނެނީ ފަގީރު (ލޯ އިންކަމް) ގައުމުގެ އެންމެ ދެ ގައުމެވެ.

ކޮވިޑް19 އާ ގުޅިގެން އެކި ގައުމުތަކުން ދަނީ އެކިއެކި ފިޔަވަޅުތައް އަޅަމުންމެނެވެ. އަދި ހާލަތަށް ބަލާފައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއި، ފިޔަވަޅުތައް އިތުރު ކުރަން ޖެހިއްނަމަ ދަނީ އިތުރު ވެސް ކުރަމުންނެވެ.

އެގޮތުން ވަރަށް ހަރުކަށިކޮށް މުޅިގައުމު ލޮކްޑައުން އަކަށް ގެންދިޔައީ ނިއުޒިލެންޑެވެ. އެގައުމުގައި މިހާރު ކޮވިޑް19 ފެތުރުންވަނީ ކޮންޓްރޯލް ކޮށް، ގައުމު ހުޅުވާލުމުގެ މަރުހަލާތައްވެސް ފަށައިފައެވެ.

އަނެއްކޮޅުން އިނގިރޭސިވިލާތާއި، މެލޭޝިއާ އާއި ހޮންކޮންގުގެ ބައެއް ސަރަހައްދުތައް މިހާރުވަނީ އަލުން ލޮކްޑައުން ހާލަތަށް ރުޖޫއަކޮށްފައެވެ. އެއީ ބަލި ފެތުރުން އިތުރުވެގެން ދިޔައިމައެވެ.

ބައެއް ތަޖުރިބާކާރުން އަންދާޒާ ކުރާގޮތުގައި، ދުނިޔޭގައި މިހާރު ތިބި މީހުންނަށް ވެކްސިން ޖަހާ ނިންމާލެވޭނީ 2022 ވަނަ އަހަރު ނިމޭހާތާއެވެ.