ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަމަށް ކުރިމަތިލެއްވި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ ޒުބައިރު މުހައްމަދު، މެމްބަރު ކަމަށް ޝަރުތު ހަމަނުވާ ކަމަށް ބާ ކައުންސިލް އޮފް ދަ މޯލްޑިވްސްއިން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައެވެ.

ބަޔާނުގައި ބުނީ ޝުޖާއު އަދި ޒުބައިރު، މެމްބަރުކަމަށް ޝަރުތު ހަމަނުވާ ކަމަށެވެ. އެހެންކަމުން އާ މެމްބަރަކު އިންތިހާބުކުރުން ބުރާސްފަތި ދުވަހު ބާއްވާނެ ކަމަށެވެ. ޝުޖާއު އަދި ޒުބެއިރު، މެމްބަރުކަމަށް ޝަރުތު ހަމަނުވާ ކަމަށް ނިންމީ އެ ދެ މީހުންގެ ވަކީލުކަމުގެ ހުއްދަ ސުޕްރީމް ކޯޓުން ނަގާފައިވުމުންނެވެ.

އެ މަގާމުގައި ހުންނެވި އަބްދުލް މާނިއު ހުސެއިން މިދިޔަ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެން ހުޅުވާލި ފުރުސަތުގައި ޖޭއެސްސީގެ މެމްބަރުކަމަށް ޝުޖާއު އަދި ޒުބައިރު ކުރިމަތިލެއްވިއެވެ.

އެ ދެ ބޭފުޅުންގެ އިތުރުން އެ މަގާމަށް ކުރިމަތިލެއްވީ ބާ ކައުންސިލްގެ އެކްސޯ މެންބަރު އަލީ އަބްދުލް ލަތީފްއެވެ. އެ ދެ ބޭފުޅުން ޝަރުތު ހަމަނުވާތީ، އެ އިންތިހާބުގައި ވާދަ ކުރަނީ އަލީ ލަތީފް އެކަންޏެވެ.

ޖޭއެސްސީގެ ގާނޫނީ މެމްބަރުކަމަށް ބޭފުޅަކު އައްޔަންކުރުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ ބާ ކައުންސިލާއެވެ. އެހެންކަމުން އެ އިންތިހާބު ބާއްވާނީ ބާ ކައުންސިލުންނެވެ.