ރައްޔިތުންގެ މަޖިލީހުގެ ދައުރު މިމަހުގެ 18 އާ ހަމައަށް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
މަޖިލިސް ރައީސް އަސްލަމް ވިދާޅުވީ މަޖިލިސް ގަވާއިދުގެ 214 ވަނަ މާއްދާގެ (ހ)ގައި ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މަސައްކަތް ނިންމައި ހިނގަމުންދާ ދައުރު ނިމުމުގެ ހަތް ދުވަސް ކުރިން ބަޖެޓާ ބެހޭގޮތުން މަޖިލީހުން ގޮތެއް ނިންމުމަށް ހުށަހަޅަންވާނެ ކަމަށް ބަޔާންކޮށްފައިވާ އިރު، މިއަދާ ހަމައަށްވެސް އެކަން އެގޮތަށް ހުށަހަޅައި މަސައްކަތްތައް ނިންމިފައި ނުވާ ކަމަށެވެ.
އެހެންކަމުން ބަޖެޓް ހިމެނޭގޮތުން ދެން ހުރި މުހިއްމު މަސައްކަތްތައް ނިންމުމަށްޓަކައި، މަޖިލިސް ގަވާއިދުގެ 24 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ މިހިނގާ ތިންވަނަ ދައުރު މި ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހަށް އިތުރު ކުރުމަށް މިއަދުގެ ވޯޓު ގަޑީގައި ވޯޓަށް އައްސަވާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
މިއަދުގެ ވޯޓުގަޑީގައި ދައުރު ދަންމާލުމަށް ވޯޓަށް އެއްސެވުމުން މިހިނގާ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު މިމަހުގެ 18 އަށް ދައްމާލުމަށް ފާސްކުރީ ޖަލްސާގައި ތިއްބެވި 44 މެންބަރުންގެ ތެރެއިން 43 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، މި ހިނގާ ތިންވަނަ ދައުރު، 18 ޑިސެންބަރު 2023 ގެ ނިޔަލަށް މިހާރު ވަނީ އިތުރުކޮށްފައެވެ.
މީގެ އިތުރުން މަޖިލިހުން މިއަދު ވަނީ، މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ހުށަހަޅުއްވާފައިވާ، "އިންޑިއާ ސިފައިން ބޭލުމަށް ހެދި އެއްބަސްވުން ހާމަކުރަން ހުށަހެޅި" ކުއްލި މައްސަލަ މަޖިލީހުން ބަލައިގަނެ ބަހުސް ކުރިއަށް ގެންގޮސްފައެވެ.
ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑާ ގުޅުންހުރި މައްސަލަތައް، ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްވެސް މަޖިލިހުގައި މިއަދު ކުރިއަށްގެންދިޔައެވެ.
އަދި ހަމައެހެންމެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަންހެނުންގެ ސިއްހަތަށް ދިމާވާ އެކިއެކި މައްސަލަތަކަށް ޙައްލެއް ހޯދައިދިނުމަށް ގައުމީ ފެންވަރުގައި ރަނގަޅު ދިރާސާއެއްކޮށް އެ ދިރާސާގެ އަލީގައި ކަމާގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް ގޮވާލައި ހުށަހަޅާ ގަރާރުގެ ބަހުސްވެސް ކުރިއަށްގެންދިޔައެވެ.
އަދި މީގެ އިތުރުން، ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވާފައިވާ "އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ގަރާރު" އިގްތިސާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރެއްވުމަށްފަހު ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުއްވުމަށް މަޖިލީހުން ވަނީ ފާސް ކޮށްފައެވެ.