ޒަމާނުއްސުރެ ބޮޑުތިލަދުންމަތީގެ މައިގޭޓަކީ ކުޅުދުއްފުއްޓޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ކޮވިޑް 19 އާއިއެކު ކުޅުދުއްފުށި ސިޓީ ވެގެންދިޔައީ އުތުރާއި މެދު ރާއްޖެތެރޭގެ ރައްޔިތުން ހިދުމަތް ލިބިގަންނަމުން ދިޔަ މައި ހަބަށެވެ. ދާއިރާގެ ރަށްތަކުގެ އިތުރުން ސަރަހައްދީ ރަށްތަކުގެ މި މައި ހަބަކީ ހިދުމަތްތައް ފައްކާވެފައިވާ ރަށެކެވެ.
އިންޑިޔާގެ ކާގޯ ފެރީ އެގައުމުގެ ސޫތުކުޅިން ފުރައިގެން ރާއްޖެއަށް އައުމަށް މިސްރާބު ޖެހުމާއެކު މުޅި ރާއްޖޭގެ ސަމާލުކަން ކުޅުދުއްފުށި ސިޓީއަށް ފޯކަސްވެގެންދިޔައެވެ. އެ ވާހަކަތަކާއެކު އުތުރުގެ ވިޔަފާރިވެރިންނަށް ފަހިވެގެންދާނެ ފުރުސަތުތަކާއި އިގްތިސާދީ މައި ހަބަކަށް ކުޅުދުއްފުށި ބަދަލުވެ، އެސިޓީ އާ މެދު އެތައް ބައެއްގެ ހިޔާލީ ތަސައްވަރު ކުރަހެމުން ދަނިކޮށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު މިވަނީ ކުޅުދުއްފުއްޓާއި މަތި އުތުރުގެ ރައްޔިތުންނަށް އުންމީދީ އިތުރު ވާހަކަތަކެއް ވިދާޅުވެ ދެއްވާފައެވެ.
ރޭގެ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ކުޅުދުއްފުށީ ބޯހިޔާވަހިކަމާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މެމްބަރު ވިދާޅުވީ ރާއްޖޭގެ އެހެނިހެން ސަރަހައްދުތައްވެސް އެއްރަށުން އަނެއް ރަށަށް ގުޅާލެވޭ ފަދައިން ކުޅުދުއްފުއްޓަކީވެސް ކައިރި ރަށްރަށާ ގުޅާލުމުގެ ފުރުސަތު އޮތް ރަށެއް ކަމަށެވެ.
އެރަށަކީ ހިއްކައިގެން ރަށް ބޮޑުކުރުމުގެ ފުރުސަތު ކުޑަ ރަށެއް ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ. އެހެން ކަމުން އެރަށުގެ ރައްޔިތުންގެ މުސްތަޤްބަލު އޮތީ މަތިމައްޗަށް ނެގޭ އިމާރާތްތަކަކަށްވުރެ ބްރިޖްކުރެވޭ ރަށްތަކަކުން ގުޅާލުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކުޅުދުއްފުށިން ފެށިގެން އެއަތޮޅު ކުމުންދޫ ކަނޑުއޮޅިން ބޭރަށް ހއ. ކެލަޔާ ހަމަޔަށް ގުޅާލެވޭ ހިސާބަކަށް އެހިސާބު ވެގެން ދިޔުމަކީ ދެކެން ބޭނުންވާ ދުވަހެއް ކަމަށް ވެސް ވިދާޅުވިއެވެ. ސަރުކާރުން މި ފުރުސަތުތައް ފަހިކޮށްދެއްވައި މިކަންކަން ހަޤީގަތަކަށް ހައްދަވައި ދެއްވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް މެމްބަރު ގެ ވާހަކައިގައި ވިދާޅުވިއެވެ. މިހެން ވެއްޖެނަމަ ޔަޤީނުންވެސް މިއީ ފަތުރުވެރިކަމުގެ ކުލަ ފަނޑު ބޮޑުތިލަދުންމައްޗަށް އަންނާނެ އިޤްތިސާދީ ހެޔޮ ބަދަލެކެވެ.
ގުޅާލެވޭ ރަށްތަކަކުން އަޅާލެވޭ ބްރިޖްތަކަކުން ބޮޑު ތިލަދުންމަތީގެ މަލަމަތި ނަލަވެފައި ޗާލުވާނެ އެވެ. ހަމަ އެ ފަދައިން އެއްރަށް އަނެއް ރަށާ ގުޅި ލާމެހުމުން ކައިރި ރަށްތަކުގައި މީހުން ވަޒަންވެރިވުމުގެ ފުރުސަތު ތޮއްޖެހިފައިވާ ކުޅުދުއްފުށީ ރައްޔިތުންނަށް ފަހިވެގެންދާނެ އެވެ.
ހދ ގެ ރަށްރަށަށް ބަލާއިރު އާބާދީކުޑަ ބިމުގެ ޖާގަ ތަނަވަސް ރަށްރަށް އެބަހުއްޓެވެ. އެހެންކަމުން އާބާދީ އެއް ހަމައަކަށް އަތުރާލެވޭއިރު ކާރޫބާރޫ ބޮޑު ކުޅުދުއްފުށި ސިޓީގެ ތަރައްގީ ކުމުންދޫ ކަނޑުއޮޅިން ބޭރަށް ނުކުމެ ރާއްޖޭގެ އުތުރު ދަށް ބިތަށް ފޯރާނެކަން ޔަޤީނެވެ.