ހިޔާ ފުލެޓުތައް ނިންމަން ދިޔަ ހަރަދު އަނބުރާ ދިނުމަށް މި ސަރުކާރުން ވީ ވައުދު ފުއްދުމުގެ ގޮތުން ހިޔާ ކޮންމެ ފުލެޓެއްގެ ކުލިން 200،000ރ. އުނި ކުރަން ސަރުކާރުން ނިންމައިފި އެވެ.

ވަޒީރުންގެ ބައްދަލުވުމަށް ފަހު މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ހިޔާ ފުލެޓުތަކުގެ ފިނިޝިންއަށް ދިޔަ ހަރަދު އަނބުރާ ދިނުމުގެ ގޮތުން ފުލެޓުތަކުގެ ކުއްޔަށް ގެންނަން ނިންމި ބަދަލާއެކު ކުރިޔަށް އޮތް ހަތް އަހަރު ދުވަހުގެ ތެރޭގައި ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 3،984ރ. ކަމަށެވެ.

ހިޔާ ފުލެޓުތަކަށް ކުލީގެ ގޮތުގައި މިހާރު ދައްކަމުންދަނީ 5300ރ. އެވެ.

މިއީ ރިޔާސީ އިންތިހާބު ރައީސް ޑރ މުއިއްޒު ރިޔާސީ ވައުދެއްގެ ގޮތުގައި ވެވަޑައިގެންފައިވާ މުހިންމު ވައުދެކެވެ.

"ކުރިއަށް އޮތް ހަތް އަހަރު ދުވަހަށް ދެން ދައްކަންޖެހޭނީ މަހަކު 3،984ރ. 3،984ރ. އަށް ކުޑަ ވަނީ ހިޔާ ފުލެޓުތަކުގެ އަގު ކުރިއަށް އޮތް ހަތް އަހަރު ދުވަހަށް މިހާރު އޮތް އެގުރިމެންޓަށް އަންނާނެ ބަދަލެއް އައިސް މުއްދަތަށް ބަދަލެއް ނައިސް،"
ރައީސް މުއިއްޒު

އެ ނިންމުމުގެ އިތުރުން ރަށްރަށުގައި އަޅާފައި ހުރި ރޯހައުސްތަކާއި ފުލެޓުތަކާއި ގެދޮރުވެރިކަމުގެ ހައުސިން ޔުނިޓުތަކަށް ކޮންމެ މަހަކު ދައްކަންޖެހޭ ކުލި ވެސް ރައީސް ވަނީ 3330ރ. އަށް ބަދަލު ކުރައްވައިފަ އެވެ.