ޑިސެމްބަރު މަހުގެ ސްކޫލް ބަންދަށްފަހު އަންނަ އަހަރުގެ ކިޔެވުން ފަށާއިރު، ކޮންމެ ދުވަހަކުވެސް ޤައުމީ ސަލާމުން ސްކޫލުތަކުގެ ސެޝަން ފަށާގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކާ ގުޅޭގޮތުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މީގެއިތުރުން މިކަމުގެ ބޭނުމަކީ ގައުމީ ލަވައާއި، ގައުމީ ދިދައާއި، އަދި ގައުމިއްޔަތަށް ސްކޫލުތަކުގެ ދަރިވަރުން ލޯބިޖެއްސުއް ކަމަށާއި އަދި ގައުމީ ސަލާމް ކިޔާނީ ހުރިހާ ސްކޫލެއްގައިވެސް ސެޝަން ފަށާއިރު އެސެމްބްލީގައި ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރައީސް ވަނީ، ގައުމިއްޔަތު ދިރުވައި އާލާކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދުކަންވެސް ފާހަގަ ކުރައްވާފައެވެ.

އިސްލާމްދީނާއި، ގައުމިއްޔަތާއި، ދިވެހިރާއްޖޭގެ ތާރީހާއި ސަގާފަތަށް ދަރިވަރުން އަހަންމިއްޔަތުކަންދޭ މިންވަރު އިތުރުކުރުމަށްޓަކައި ސްކޫލްތަކުގައި ގައުމީ ފެންވަރުގެ ހާއްސަ ޕްރޮގްރާމުތައް ހިންގަންފެށުން އެއީ ސަރުކާރުގެ "ހަފުތާ 14" މަގުޗާޓުގައިވެސް ހިމެނޭ ކަމެކެވެ.