ރޭގެ ވަގުތެއްގައި، ހުޅުމާލޭ ދެ ވަނަ ފޭސްގެ ހިޔާ ފްލެޓެއްގެ ތެރޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިނީ އާއިލީ ދެބަސްވުމެއްގެ ތެރެއިން ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ރޭގެ ވަގުތެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމުކޮށްލާފައި ވަނީ ހިޔާގެ 6 ވަނަ ޓަވަރުގެ އެޕާޓުމަންޓެއްގެ ތެރޭގަ އެވެ. އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

ފުލުހުން މީޑީއާތަކަށް މިއަދު ފޮނުވި މެސެޖެއްގަައި ހާމަކޮށްފައިވާ ގޮތުގައި އެ މާރާމާރީގައި ހަމަލާދީފައިވަނީ 22 އަހަރުގެ ފިރިހެނަކަށެވެ. އެ މައްސަލައިގައި 19 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. މިހާތަނަށް ބެލި ބެލުމުން ހަމަލާ ދީފައި ވަނީ އާއިލާގެ ތެރޭގައި ޖެހުނު މައްސަލައެއްގައިކަމަށް ފުލުހުން ވިދާޅުވެއެވެ.

މިިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން މާލެ އާއި އައްޑޫގައި ވެސް އެކި މާރާމާރީތައް ދަނީ ހިނގަމުންނެވެ. މިކަމާ ގުޅުން ހުރި މީހުން ހޯދުމަށް ފުލުހުން ނުކުމެ ހޯދި ހޯދުމާއި ކުރި މަސައްކަތުން މިދިޔަ ބުރާސްފަތި ދުވަހު މާލޭ ޗީބޯ ކެފޭ ކައިރީގައި މާރާމާރީއެއް ހިންގައިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ހަމަ އެއާ ވިދިގެން މިދިޔަ ހުކުރު ދުވަހު އަދި އާދިއްތަ ދުވަހު އައްޑޫ ހިތަދޫގައި ދެ މީހަކަށް ވަނީ ހަމަލާދީ ޒަހަމުކޮށްލާފައެވެ. އޭގެ ތެރެއިން އެކަކު އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެމުން ގެންދާއިރު އޭނާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ. އިއްޔެ މާލޭ އޯކިޑް މަގުގައި ދެ މީހެއްގެ ދެމެދުގައި ހިނގި މާރާމާރީގައި އަނިޔާވި މީހަކަށް ވެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އެބަގެންދެއެވެ.

ފަހަކަށް އައިސް ކުއްލިއަކަށް ވަރަށް އަމާންކަމާ އެކީގައި އޮތް އައްޑޫގައި މާރާމާރީތައް އިތުރުވެފައިވާތީ، ފުލުހުން މިިދިޔަ ހޮނިހިރު ދުވަހު ވަނީ އައްޑޫގައި ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފަ އެވެ. އައްޑޫސިޓީގެ އިތުރުން މާލޭގައިވެސް ފުލުހުން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެެވެ.