ކުރިމަތިވަމުން އަންނަ ޓެކުހުގެ ސުންގަޑިތަކުގައި ޚިދުމަތް ހޯދުމަށް މީރާއަށް ޒިޔާރަތްކުރާ ފަރާތްތަކުން ސަމާލުވާން މީރާއިން އިލްތިމާސްކޮށްފިއެވެ. އެތަނުން އެގޮތަށް އިލްތުމާސް ކުރެއްވީ މި ދުވަސްވަރަކީ ކޮވިޑް-19ގެ ކޭސްތައް ގިނަވަމުންދާ ދުވަސްވަރަކަށް ވާތީ، ޓެކްސް ދައްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ރައްކާތެރިކަމަށް އިސްކަން ދެއްވުމުގެ ގޮތުންނެވެ.

މި ހިނގަމުންދާ ޖަނަވަރީ މަހުގެ ފަހު ހަފްތާއަކީ ޓެކުހުގެ މުހިންމު ސުންގަޑިތަކެއް ހިމެނޭ ހަފްތާއެއް ކަމަށް މީރާއިން މައުލޫމާތު ދެއްވިއެވެ. އެގޮތުން، 28 ޖަނަވަރީ 2021 ވަނަ ދުވަހަކީ ޑިސެންބަރު 2020 އަދި 2020 ގެ 4 ވަނަ ކުއާޓަރުގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއެވެ. އަދި، 31 ޖަނަވަރީ 2021 ވަނަ ދުވަހަކީ އާމްދަނީން ނަގާ ޓެކުހުގެ 2020 ވަނަ އަހަރުގެ 2 ވަނަ އިންޓަރިމް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑިއެވެ.

ވޭތުވެ ދިޔަ އަހަރުތަކަށް ބަލާލާއިރު، މި ފަދަ ސުންގަޑިތަކަކީ ވަރަށް ގިނަ ޓެކްސް ދައްކާ ފަރާތްތަކުން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށްޓަކައި މީރާއަށް ޒިޔާރަތްކުރާ ސުންގަޑިތަކެއްކަމަށް މީރާއިން ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް، މި ދުވަސްވަރު ކޮވިޑް-19ގެ ސަބަބުން އިޖުތިމާއީ ގައިދުރުކަމާއެކު ޚިދުމަތް ދެމުން ގެންދާތީ ޚިދުމަތް ދޭ ކައުންޓަރުތައް މަދުވާނެ ކަން ފާހަގަކޮށް، ޓެކްސް ދައްކާ ފަރާތްތަކުން އެންމެފަހު ވަގުތަށް މަޑު ނުކުރައްވައި ދުރާލާ ޓެކްސް ބަޔާން ހުށަހަޅައި ފައިސާދެއްކުމަށް މީރާއިން ވަނީ ވަރަށް ބޮޑަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން، ޖީ.އެސް.ޓީ ބަޔާނާއި އިންކަމް ޓެކްސް އިންޓަރިމް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމަކީ އޮންލައިކޮށް ކުރެވޭ ކަމެއް ކަމަށް ވެފައި، ޓެކްސް ދައްކާ ހުރިހާ ފަރާތްތަކަށްވެސް މީރާ ކަނެކްޓް އެކައުންޓް ދޫކޮށްފައިވާތީ، ކޮވިޑްގެ މި ހާލަތުގައި ޓެކުހާ ގުޅޭ ޒިންމާތައް އަދާކުރުމަށް މީރާއަށް އައުމުގެ ބަދަލުގައި ހުރިހާ ފަރާތްތަކުންވެސް އޮންލައިން ޚިދުމަތް ބޭނުންކުރުމަށް އިސްކަންދިނުމަކީ ވެސް މީރާގެ ވަރަށް ބޮޑު އެދުމެއް ކަމަށް ވަނީ ވިދާޅުވެފައެވެ. ޖީ.އެސް.ޓީ ސުން ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުން ވާރުޕޭ ނުވަތަ މީރާ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށްވެސް ފަސޭހަ ކަމާއެކު އެކަން ކުރެވޭނެކަމަށް ވެސް މީރާއިން ވިދާޅުވެފައިވެއެވެ.