މި ސަރުކާރު ކޮރަޕްޓްނުވެ ހިންގާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންނަށް ދެއްވައިފިއެވެ.
އެމަނިކުފާނު މި ޔަގީންކަން ދެއްވީ މިއަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދު ހެނދުނު ދަރުބާރުގޭގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސްވަނީ، މި ސަރުކާރުގެ އެއްވެސް ފަރާތެއް ކޮރަޕްޝަންގެ އަމަލެއް ހިންގާކަން ސާބިތުވެއްޖެ ހާލަތެއްގައި އެފަރާތަކާމެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު ފަސްޖެހުމެއްނެތި އަޅުއްވާނެކަމުގައި ވިދާޅުވެފައެވެ.
އަދި ކޮރަޕްޝަނާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުމަށް ކުރެވެންހުރި މަސައްކަތްތައް އިލްމީ ފެންވަރުގައި ކުރިއަށްގެންދަވާނެ ކަމަށާއި އަދި، މި ސަރުކާރުގެ ސިޔާސަތަކަށްވާނީ، ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ ކޮންމެ ކަމެއްގައި ފުރިހަމައަށް އެއްބާރުލުންދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ ބައިނަލްއަގްވާމީ އެންޓި-ކޮރަޕްޝަން ދުވަހާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، މިއަހަރުގެ ޝިއާރު "ޔުނައިޓިންގ ދަ ވަރލްޑް އަގެއިންސްޓް ކޮރަޕްޝަން" ގެ މައްޗަށް އަލިއްޅުއްވައިލައްވާ އެ ޝިއާރުންވެސް އެނގެނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގައި މުޅި ދުނިޔެ އެކައްޗަކަށް ވާންޖެހޭކަން ކަމުގައި ވިދާޅުވެފައެވެ.
މީގެއިތުރުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަކީ ޤައުމީ މަސައްކަތަކަށް ހަދަންޖެހޭކަމެއްކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ، ކޮންމެ މީހަކުވެސް އެމީހަކާ ހަމައިން ކޮރަޕްޝަނަށް ނޫނެކޭ ބުނަން ފެށުމަށް ބާރުއަޅުއްވާފައެވެ. އަދި އެއްވެސް ފަރުދަކު އެ އޮންނަ އުސޫލުން ބޭރުން ކަންކަމަށް ނޭދުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. ހަމަ އެއާއެކު ގައުމުގެ މަތީ މަގާމުތަކުގައި ތިބޭ ފަރާތްތައް އަމާނަތްތެރިވުމަށާއި، ފަރުވާތެރިވުމަށާއި، އިހްލާސްތެރިވުމަށާއި، ދީންވެރި ހިތެއްގެ ވެރިއަކަށްވުމަށް ރައީސް ބާރު އެޅުއްވިއެވެ.
ރައީސް ވަނީ، މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީ އިފްތިތާހު ކޮށްދެއްވާފައެވެ. މި އެކަޑަމީގެ މައިގަނޑު މަގްސަދަކީ ކޮރަޕްޝަނާއި، އިޤްތިސާދީ ކުށްތައް ތަހުގީގްކުރުމާ ގުޅޭ ފަންނީ ދާއިރާތަކުން އިންސާނީ ވަސީލަތް ބިނާކުރުމެވެ.
މި ޖަލްސާގައި، ކޮރަޕްޝަނާ މެދު އާންމުން ދެކޭގޮތުގެ ގައުމީ ފެންވަރުގެ ދިރާސާ "ނޭޝަނަލް ކޮރަޕްޝަން ޕަރސެޕްޝަން ސަރވޭ 2023" ނެރެދެއްވުންއޮތެވެ. އަދި ކޮރަޕްޝަން ރިސްކް ސެލްފް އެސަސްމަންޓް ޓޫލްކިޓް އާންމުކުރުމާއެކު، މޯލްޑިވްސް އެންޓި-ކޮރަޕްޝަން ޓްރަސްޓް ފަންޑު ވެސް އިފްތިތާހު ކުރެއްވުންއޮތެވެ.