އިމިގްރޭޝަނުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ފޮނުވާލުމަށް ނިންމައިފި އެވެ.

އިމިގްރޭޝަނުން މިކަން ހާމަ ކޮށް ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ގަވައިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން އޮޕަރޭޝަންތަކެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ.

ގަވާއިދާ ހިލާފަށް ދިވެހިރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަކީ ދުވަހަކަށްވުރެ ދުވަހެއް ބޮޑު ވަމުން އަންނަ މައްސަލައެކެވެ. ދިވެހިންގެ ތެރޭގައި ދިވެހިންނަށްވުރެ ހުރިހާ ކަމަކަށްވެސް ނުފޫޒުގަދަ ބަޔަކަށް ބިދޭސީން ވެފައިވާއިރު ގިނަ ބިދޭސީންނަކީ ކޮން ގައުމެއްގެ ކިހިނެއްވީ ކާކުކަން އޮންނަނީ ކަށަަވަރު ނުވެއެވެ.

އަމިއްލަ އާއިލާއާއި އަމިއްލަ ވިޔަފާރީގެ ހުރިހާ ބާރެއް ހަވާލުކޮށްފައި ހުންނަ ބިދޭސީ މީހާގެ އެނގޭހާވެސް މައުލޫމާތަކަށް ވެފައި އޮންނަނީ އެއްކަލަ މީހާ ގެނެސްދިން "ކޮންމެވެސް އެޖެންސީއެއްގެ އެޖެންޓް"ގެ ނަމެވެ. މިކަންބޮޑުވުން ގައުމުގެ މަސްލަހަތާ ގުޅޭ ބޮޑު ކަމަކަށްވީއިރު، ނިމިގެން ދިޔަ ސަރުކާރުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓަރީކޮށް، ގަވައިދަށް ފެއްތުމަށް ލިސްޓެއް ހެދި އެވެ. ކޮވިޑުގެ ދަތި އުނދަގޫ ވަގުތުގައި ގިނަ ބިދޭސީންތަކެއް އަނބުރާ ގައުމުތަކަށް ފޮނުވާވެސްލިއެވެ، ނަމަވެސް މިކަމަކަށް އެކަށީގެންވާ ހައްލެއް ނުލިބުނެވެ.

މިފަދަ އެތައް ކަމަކުން ދިމާވާ ގެއްލުންތަކަކުން ސަލާމަތް ކުރުމަށް، އިމިގްރޭޝަނުން ރާވައިގެން ކުރިއަށްގެންދަން ނިންމާފައިވާ އޮޕަރޭޝަނުން ފައިދާ ތަކެއް ވާނެއެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އައިޑެންޓިޓީ އާއި ވިސާ ބެލުމަށްފަހު އިމިގްރޭޝަން ގާނޫނާއި ހިލާފުވާ ބިދޭސީން، މި އޮޕަރޭޝަންގައި ގަވާއިދުގެ ތެރެއަށް ފެއްތުމަށް މަސައްކަތް ކުރާނެ ކަމަށް އިމިގްރޭޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ހާއްސަ އޮޕަރޭޝަން ކުރިއަށްދާއިރު، އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ފަރާތްތަކާއި، ސައްހަ ހުއްދައެއް ނެތް ރާއްޖޭގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައްޗަށް އިމިގްރޭޝަންގެ ގާނޫނު ތަންފީޒު ކުރަމުންދާނެ ކަމަށްވެސް ބަޔާނުގައި ވަނީި ބުނެފައެވެ.